މި މަހުގެ 22 އިން 24 އަށް ޖޯޖިއާގައި ކުރިއަށްދާ ބަޓޫމީ ކަޕް - ޔޫތު އިންޓަރނޭޝަނަލް 2025 ގައި ވާދަކުރުމަށް ރާއްޖޭގެ އުއްމީދީ ބެޑްމިންޓަން ތަރި ލައިބާ އަޙްމަދު މަޚްލޫޕް ފުރައިފިއެވެ.
މިމުބާރާތަކީ ޖޯޖިއާގެ ނެޝަނަލް ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. 7 ގައުމަކުން 78 އެތުލީޓުން މިމުބާރާތުގައި ވާދަކުރާނެއެވެ. އެއީ މުބާރާތް ބާއްވާ ގައުމު ޖޯޖިއާ، ކަޒަކިސްތާނު، އަރުމީނިއާ، ލެތުވިއާ، އަޒަރުބައިޖާން އަދި ދިވެހިރާއްޖެއެވެ.
މުބާރާތް ކުރިއަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 11 އަހަރުންދަށާ، 13 އަހަރުންދަށުގެ އުމުރުފުރާގެ އިތުރުން 15 އަހަރުންދަށުގެ އުމުރުފުރާއެވެ. މިމުބާރާތް ކުރިއަށްދާނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތަކާއެކުއެވެ.
ބަޓޫމީ ކަޕުގައި ލައިބާ ވާދަކުރާނީ 13 އަހަރުންދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން ޑަބަލްސް އިވެންޓުގައެވެ. މިގޮތުން ސިންގަލްސް އިވެންޓުގައި ލައިބާ ނުކުންނާނީ ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާއާ ދެކޮޅަށެވެ. އަދި މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާ ވާދަކުރާނީ އަރުމީނިއާގެ މަނުކްޔަން ނާރެކްއާއެވެ.
ބެޑްމިންޓަނުން ދިވެހިރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް ގެނެސްދެމުން އަންނަ އުންމީދީ ތަރި ލައިބާ ވަނީ މިދިޔަ އަހަރުވެސް މިމުބާރާތުގައި ވާދަކޮށް ސިންގަލްސް އިވެންޓުން ލޯ މެޑަލް އަދި ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.
މީގެ އިތުރުން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ލައިބާވަނީ "އަރްމޭނިއަން ޔޫތު އޯޕަން 2025" ގައި ވާދަކޮށް ތިން ކެޓެގަރީއަކުން ރަން މެޑަލްވެސް ހޯދާފައެވެ. އެ މުބާރާތުން ލައިބާ ރަން މެޑެލް ހާސިލުކޮށްފަވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުގައި ވާދަކޮށްގެންނެވެ.