އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި އަލަށް ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްއާއެކު ރަށަށް ގިނަގުނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހޫމް ވިދާޅުވެއްޖެއެވެ.
ރަށަށް އިތުރުވާ ކުޅިވަރުގެ މިމަޝްރޫޢާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޝައުކަތު ވިދާޅުވީ ރަސްދޫއަކީ ލޯކަލް ޓޫރިޒަމަށް ފައްކާވަމުން އަންނަ ރަށެއްކަމަށާ، އަލަށް ގާއިމުކުރެވޭ ކުޅިވަރު ކޮމްޕްލެކްސްއާ އެކު އިގްތިޞާދީގޮތުން ރަސްދޫއަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށެވެ.
"އަޅުގަނޑުމެންގެ ރަށަކީ ލޯކަލް ޓޫރިޒަމްގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށެއް. މާލެއާއި ކައިރި ރަށަކަށްވެފައި ދަތުރުފަތުރުގެ އިންތިޒާމުވެސް ފަސޭހަ ރަށެއް މިއީ. އެހެންކަމުން މި ޕްރޮޖެކްޓާއެކު ގިނަ ފައިދާތަކެއް ކުރާނެ. ހާއްސަކޮށް އިގްތިޞާދީ ގޮތުން ރަށަށް ބޮޑު ނަފާއެއް ލިބިގެންދާނެ" ޝައުކަތު ވިދާޅުވިއެވެ.
އއ. ރަސްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރެވުމުން ގިނަ މުބާރާތްތަކެއް ރަށުގައި ބޭއްވޭނެކަމަށް ޝައުކަތު ފާހަގަކުރެއްވިއެވެ. މިގޮތުން ސަރަހައްދީ މުބާރާތްވެސް އެތަނުން ފެނިގެންދާނެކަމަށާ މިއީ ރަށު ފެންވަރުގައި އިތުރު ކުޅުންތެރިންތަކެއް އެފެދުމަށްވެސް ހުޅުވިގެންދާނެ ދޮރެއްކަމަށް ޝައުކަތު ސިފަކުރެއްވިއެވެ. އަދި ރަށުގައި ގާއިމުކުރެވޭ ސްޕޯޓްސް ކޮމްޕްލެކްސްވެގެންދާނީ ކުޅިވަރުގެ ދާއިރާއިން ރަށަށް އިތުރުވާ ތަރައްގީގެ ބޮޅަކަށްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖެ ހިމެނޭހެން ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިންޑޯ ޖިމްއަކާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްކުރެވެމުންދާއިރު، ކުޅިވަރާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް އަތޮޅުތެރޭގައި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން ކުޅިވަރުތައް ކުޅޭ ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރުމުގެ މަސައްކަތަކީވެސް ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.
އެގޮތުން އއ. ރަސްދޫގައި އަލަށް ގާއިމުކުރުމަށް ހަމަޖެހުނު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިހާރު ހަވާލުކޮށްފަވާއިރު، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިއީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެކުންފުންޏާ ހަވާލުކޮށްފަވާ މަޝްރޫއެކެވެ.