ސްމާޓް ކެމްޕަހަކީ މުޅި ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ "ގްލޯބަލް ސްމަރޓް އެޑިއުކޭޝަން ކޮންފަރެންސް 2025"ގެ ވާހަކަފުޅުދައްކަވަމުންނެވެ.
"ގްލޯބަލް ސްމަރޓް އެޑިއުކޭޝަން ކޮންފަރެންސް 2025"ގެ ޕެރަލަލް ސެޝަނުގައި ދެއްކެވި ވާހަކަފުޅުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ސްމާޓް ލަރނިންގ އެންވަޔަރަންމަންޓް ނުވަތަ ސްމާޓް ކެމްޕަހެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ސްމާޓް ކެމްޕަހަކީ ހަމައެކަނި ތަޢުލީމު ދިނުމަށް އަމާޒުކުރެވިފައިވާ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މިއީ އިދާރީ ކަންކަމާއި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، އަދި މުޅި ތަޢުލީމީ ނިޒާމު އަލުން އެކުލަވާލުމަށް މަގުފަހިކޮށްދޭ ވަސީލަތެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސްމާޓް ކެމްޕަހެއްގެ ސަބަބުން ދަރިވަރުންނަކީ އަމިއްލައަށް ދަސްކުރުމުގެ ޤާބިލުކަން ލިބިފައިވާ، އަދި އެ ޤާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ބަޔަކަށް ވެގެންދާނެ ކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ޕަރސަނަލައިޒްޑް ލަރނިންގ ޕްލެޓްފޯމްތަކާއި، އެޑެޕްޓިވް ކޯސް މެޓީރިއަލްތަކާއި، އަދި ވަގުތުން ވަގުތަށް ފީޑްބެކް ދެވޭ ނިޒާމުތައް ތަޢާރަފުކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްމާޓް ކެމްޕަސްގެ މަފްހޫމަކީ ހަމައެކަނި ދަރިވަރުންނާއި މުދައްރިސުންނަށް ޚާއްސަކުރެވިފައިވާ އެއްޗެއް ނޫން ކަމަށާއި، މިއީ މުޅި ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެއެވެ.
"މި ހުރިހާ ކަމެއްގެ ތެރޭގައިވެސް، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ޓެކްނޮލޮޖީއަކީ ވަސީލަތެއް ކަމަށް. ސްމާޓް ކެމްޕަސްގެ ނަތީޖާއަކަށް ވާންޖެހޭނީ ފުރިހަމަ ތަޢުލީމެއް ލިބިގަތުން. އަދި މި ތަޢުލީމުގެ ތެރެއިން ދަރިވަރުންނަށް ކުރިމަގުގެ ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ލިބިދިނުން." ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ސްމާޓް ކެމްޕަސްގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަކީ ޤައުމީ ފެންވަރުގައި ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި ކުދިންނާ އެއްފެންވަރެއްގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.