މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށްގެންދާ އޭއެފްސީ "ބީ" ލައިސަންސް ކޯޗިން ކޯހެއް ރ. ދުވާފަރުގައި ފަށައިފިއެވެ.
16 ބައިވެރިންނާއެކު މިކޯސް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ސެޕްޓްމެބަރުމަހުގެ 3 ވަނަ ދުވަހާ ހަމައަށް މިކޯސް ކުރިއަށްދާއިރު، މިކޯހުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރިވެފައިވެއެވެ. އެގޮތުން އިންޑިއާ އަދި ޕާކިސްތާނަށް ނިސްބަތްވާ ތިން ފަރާތަކުން މިކޯހުގައި ތަމްރީނުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މިކޯހުގައި ކިޔަވައިދެއްވަނީ ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗު މުހަންމަދު ޝާޒްލީއެވެ. ތިއެރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކިޔަވައިދޭ މިކޯހުގައި ތަފާތު ގިނަބައިތަކެއްވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މުއާމާލާތުކުރުމުގެ ހުނަރާއި، ފުޓުބޯޅައިގެ ހުނަރުތަކުގެ އިތުރުން، ސްޕޯޓްސް ސައިކޮލޮޖީ ހިމަނާފައިވެއެވެ. އަދި މެޗް އެނެލިސިސްއާ ޓީމް އެޓޭކިންގ އަދި މީޑިއާ ރިލޭޝަންއާ ގުޅުންހުރި ބައިތައްވެސް މި ކޯހުގެ ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
ރ. ދުވާފަރަކީ މީގެ ކުރިންވެސް އޭއެފްސީގެ އެކި ލެވެލްތައް ކުރިއަށް ގެންގޮސްފައިވާ ރަށެކެވެ. މިގޮތުން މީގެ ދެ އަހަރުކުރިން އޭއެފްސީގެ ލެވެލް "ސީ" އަދި "ޑީ"ގެ ކޯސްތަކެއްވެސް މިރަށުގައި ހިންގާފައިވެއެވެ. މިކޯސްތަކުން ތަމްރީނުވި ގިނަ އަދަދެއްގެ ރެފްރީން މިހާރު އަންނަނީ ފުޓުބޯޅަ ދަނޑުތަކުގައި ހަރަކާތްތެރިވަމުންނެވެ.