ޚަބަރު

ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތުގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަަމަޖައްސައިފި


  • މިމުބާރާތް އޮންނާނީ އޮގަސްްޓް 19އިން 25އަށް

  • މިމުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 120 ކުޅުންތެރިން ބައިވެރިވި

އއ. ތޮއްޑޫގައި ބޭއްވާ ފުރަތަމަ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތުގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ހަަމަޖައްސައިފިއެވެ. މި މުބާރާތް އޮންނާނީ މިހިންގާ އޮގަސްްޓް މަހުގެ 19ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހާއި ހަމައަށެވެ.

ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތަކީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީއިން ގުޅިގެން އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. އަދި މިއީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ.

35 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި 6 އުމުރުފުރައަކުން ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި 18 ގައުމަކުން 120 ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިއީ ދިވެހިރާއްޖެއަކީ ކުޅިވަރު ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރާފައިވާ މަންޒިލަކަށް ހެދުމުގެ ތަޞައްވުރު ހަރުދަނާކޮށް، ރާއްޖޭގައިވެސް ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އިވެންޓްތައް ބޭއްވުމުގެ ޤާބިލުކަން ދައްކުވައިދޭ މުބާރާތެއް ކަމަށެވެ.

މީގެ އިތުރުން، ފުރަތަމަ ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތަކީ ދިވެހިރާއްޖެ ކުޅިވަރު ފަތުރުވެރިކަމުގެ މައި މަރުކަޒެއްގެ ގޮތުގައި ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުޅިވަރު ފަތުރުވެރިކަމަކީ އަވަސް ދުވެލީގައި ކުރިއަރަމުންދާ ދާއިރާއެކެވެ. އަދި ޓީއެމްޓީޓީ ފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކަށް އެހީތެރިވުމުން، ދިވެހިރާއްޖެއަކީ ހަމައެކަނި ހިތްހަމަޖައްސާލުމަށް ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައި ނޫން، ކުޅިވަރާއި، މުނިފޫހިފިލުވުމާއި ދިރިއުޅުމުގެ ތަޖުރިބާތަކުގެ ދުޅަހެޔޮ މަންޒިލެއްގެ ގޮތުގައި ފައިހަމަކުރުމަށް ހިތްވަރުލިބިގެންދެއެވެ." ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަކީ “މޯލްޑިވްސް” ބްރޭންޑާއި “މޯލްޑިވްސް. ދަ ސަނީ ސައިޑް އޮފް ލައިފް” ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏެކެވެ.