ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ)އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކޮށްފިއެވެ.
އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ޕާރޓްނަރޝިޕް ފާހަގަކުރުމަށް ބޭއްވި ހަފްލާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސް ރިޒޯޓްގައެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އަދި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓަރ، ކޯޕަރޭޓް އޮފިސަރ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއަރޓަރ، އޮމޮޓޭ ޓަކާޝީވެސް ވަނީ މިހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތައާރަފްކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ހަފްލާގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލޮއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން ވަނީ އެސްޓީއޯއާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލާ، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މީގެ އިތުރުން އެސްޓީއޯއާއި މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯއާއި މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް މި ހަފްލާގައި ވަނީ އަރުވާފައިވެއެވެ. އޭގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވަރސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް، އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ފަދަ ފަރާތްތަށް ހިމެނެއެވެ.
މި ހަފްލާގައި އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ދެއްކެވި ވާހަކަފުޅުގައި ވަނީ މަކިޓާއާއި އެސްޓީއޯއާއި ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ހަމަ އެއާއެކު މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތައް ސަފީރު ފާހަގަކުރެއްވިއެވެ.