ޚަބަރު

އަންނަ ދިރާސީ އައު އަހަރު 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވަން ފަށަނީ


  • މިއަހަރު އޯލެވެލް ނަތީޖާއިން ރަށްރަށުގެ ގިނަ ސްކޫލުތަކެއްގެ ދަރިވަރުންވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައި

  • ސްކޫލްތަކުގެ ދަރިވަރުން ރަށުގައި ތިބެގެން އޭލެވެލް ކިޔަވަން އެދޭނަމަ ވަކި އެސެސްމަންޓްތަކަށްފަހު އެފުރުސަތުދޭނެ

ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔަވަންއެދޭ ގިނަ ދަރިވަރުންތަކެއް ތިބުމާއި ގުޅިގެން ތަޢުލީމީ ވުޒާރާގެ ފަރާތުން 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަށް ނިންމަވައިފިއެވެ. އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން މިރަށްތަކުގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެވުޒާރާގެ ފަރާތުންދަނީ ކުރައްވަމުންނެވެ.

މަތީ ސާނަވީގެ ފުރުސަތު ސަރުކާރުން ހުޅުވާލަނީ އެކަށީގެންވާ ޢަދަދަކަށް ދަރިވަރުންތަކެއް އެރަށެއްގައި ގްރޭޑު 10 ނިންމާ ދަރިވަރުންގެ ތެރޭގައި ތިބެއްޖެނަމައެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު މުޙައްމަދު ވިދާޅުވީ، މިއަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާކަމަށެވެ. އެސްކޫލްތައް ފާހަގަކޮށް ދަރިވަރުން މަތީ ސާނަވީއަށް ކިޔަވަން އެދޭނަމަ އެރަށްތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އެބަހުރި، އެކަށީގެންވާ ޢަދަދެއްގެ ދަރިވަރުން ސްކޫލުތަކުގައި ގްރޭޑް 10 ނިންމާ، އަދި އޭގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާ ހޯދި ސްކޫލްތައް. އަޅުގަނޑުމެން އޭލެވެލް ފުޅާކުރުމުގައި ސަސްޓެއިނަބިލިޓީއަށްވެސް ބަލަމުން އަދި ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާކަމުގައިވާނަމަ އަޅުގަނޑުމެން މިހާރުގެންގުޅޭ ވަކި މިންގަނޑުގެ ތެރެއިން އޭލެވެލް ފެށުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި އިތުރު ސްކޫލުތަކަށް އެބަދެން." ޑރ.އަޙްމަދު ވިދާޅުވިއެވެ.

ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު މުޙައްމަދު ވިދާޅުވީ، މިއުސޫލުގެ ދަށުން އަންނަ ދިރާސީ އައު އަހަރު އިތުރު 5 ސްކޫލެއްގައި އަލަށް އޭލެވެލްއަށް ކިޔަވަން ފެށުމަށް ހުޅުވާލާފައިވާކަމަށެވެ. އެ ސްކޫލްތަކުގެ ނަންތަކެއް އެވުޒާރާއިން އަދި ހާމައެއް ނުކުރައްވައެވެ.

ސަރުކާރުން މިހާރުވަނީ މަތީ ސާނަވީއަށް ކުދިން ސްކޫލުތަކަށް ވެއްދުމުގެ ކްރައިޓީރިއާއަށްވެސް ބޮޑު ބަދަލެއް ގެންނަވާފައެވެ. މިގޮތުން 3 މާއްދާ ނުވަތަ 4 މާއްދާއިން ފާސްވިކަމުގައިވީނަމަވެސް، އެކުއްޖަކު ކިޔަވަން ނުވަތަ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިޔުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މިއާއެކު އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އެތައް ދަރިވަރަކަށްވަނީ ފަހިވެގެން ގޮސްފައިކަމަށް ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.