ޚަބަރު

ގޭގެ އެންމެންގެ ޕެންޝަން ފައިސާއިންވެސް ގެއެއް ގަނެވިދާނެ!


ގޭގެ އެންމެންގެ ޕެންޝަން ފައިސާ އެއްކޮށްގެން ގެދޮރު ގަތުމުގެ ފުރުޞަތު މިހާރު ލިބިގެންދާނެ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ތައާރަފްކުރައްވާފައިވާ ޕެންޝަން ފައިސާ ރަހުނުކޮށްގެން ގެދޮރުގަނެވޭ ސްކީމްގެ ދަށުން އަށްސަތޭކަ ފަންސާހަށްވުރެ ގިނަ ފަރާތައް ގެދޮރު ގަތުމުގެ ފުރުޞަތު މިހާރު ލިބިގެންދާނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ޕެންޝަން ފައިސާ ގެދޮރުގަތުމަށްޓަކައި ރަހުނުކުރާ ސްކީމަކީ، ޕެންޝަން ފަންޑްގެ ބައިވެރިންގެ ތެރެއިން ގެދޮރުގަތުމަށްޓަކައި ރާއްޖޭގެ މާލީ މުވައްސަސާއަކުން ލޯން ހަމަޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޑައުންޕޭމަންޓް، ޕެންޝަން ފައިސާ ރަހުނުކޮށްގެން ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ތައާރަފްކުރައްވާފައިވާ ސްކީމެކެވެ.

މި ސްކީމްގެ ދަށުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންގެންދާ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ގެދޮރު ގަތުމަށްޓަކައި ފައިސާ ރަހުނުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. ނަމަވެސް މި ސްކީމްގެ ދަށުން ގަންނަ ގެ ވާންޖެހޭނީ އިމާރާތްކޮށް ނިންމައި އަދި ޢާންމުކޮށް ހުޅުވާލައިގެން ވިއްކާ ޢިމާރާތަކަށްކަމަށް މި ސްކީމްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މިފަދަ އިމާރާތްތައް ގަތުމަށްތަކައި ބޭނުންވާ ޑައުންޕޭމަންޓް ފައިސާ ހަމަޖެއްސުމަށްޓަކައި އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ މި ސްކީމްގެ ދަށުން ރަހުނު ކުރެވިގެންދާނެއެވެ.

މި ސްކީމްގެ ދަށުން ހަމަޖެހިފައިވާ ލޯނަށް ފައިސާ ދައްކަމުން ނުދާނަމަ ލޯނު ބޭނުންކޮށްގެން ގަނެފައިވާ އިމާރާތް ވިއްކާލެވޭނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ. ޕެންޝަން އޮފީހުގެ ޑިރެކްޓަރ ސްޓޭކް ހޯލްޑަރ ރިލޭޝަން އިސްމާޢީލް ޝުޖާޢު ވިދާޅުވީ، މި ސްކީމްގެ ދަށުން ގެދޮރު ގަންނަށް ބޭނުންވާ މީހެއްގެ ރިޓަޔަރމަންޓް ސޭވިން އެކައުންޓްގައި އެ އަދަދަށް ފައިސާ ނެތްނަމަ ޢާއިލީ ގޮތުން ގާތް މީހެއްގެ އެކައުންޓް އެއްކޮށްލައިގެން ގެދޮރު ގަތުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

"ކޮންމެ ބޭފުޅަކުވެސް ގިނަބޭފުޅުން ޖޮއިންޓްލީ ލޯނުދޫކުރާ ފަރާތް އެގޮތަށް ފެސިލިޓޭޓްކޮށްދެން ތިބިކަމަށް ވަނީ ނަމަ އަޅުގަނޑުމެންގެ މައްސަލައެއްނެތް. މިސާލަކަށް އާއިލީގޮތުން ގުޅުމެއް އޭގެތެރޭގައި އޮންނަން އެބަޖެހޭ. އެހެންވެއްޖެއްޔާ އެ ދެބޭފުޅުންގެ ރިޓަޔަރމަންޓް ޕޭމަންޓަށް ބޭނުންވާ ފައިސާ ރަހުނު ކުރުމަށް އެއްފަރާތަށްވުރެ ގިނަ ފަރާތްތައް އެކުވެގެންވެސް އެކަން ކުރެވޭނެ އިންތިޒާމް އަޅުގަނޑުމެންވެސް ހަމަޖައްސައިދޭނަން" ޑިރެކްޓަރ ސްޓޭކް ހޯލްޑަރ ރިލޭޝަން އިސްމާއީލް ޝުޖާޢު ވިދާޅުވިއެވެ.

ޕެންޝަން ފައިސާއަކީ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގެ ވެރިފަރާތުގެ ޤާނޫނީ މިލްކެއް ކަމުން އެފައިސާ ރަހުނުކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށާއި ލޯނު ނުދެއްކުމުގެ ސަބަބުން ރަހުނުކޮށްފައިވާ ފައިސާއާމެދު ޕެންޝަން އޮފީހުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް އަމަލުކުރުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.