ޚަބަރު

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތު އަމަލީ މަސައްކަތް ފަށައިފި


  • މިއީ ކައުންސިލްތަކުގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަސައްކަތެއް

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ނައިވާދޫ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދްމް ޝަރީފު ޢުމަރެވެ. އަރިހުގައި ނައިވާދޫ ކައުންސިލުގެ ރައީސް ޢަލީ ރަޝީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ނައިވާދޫ ކައުންސިލް އިދާރާގެ އިމާރާތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީއާ ޙަވާލުކޮށްގެންނެވެ.

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމަށެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފެށުމަށް އެއްބަސްވެފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 11 ވަރަކަށް މަސްދުވަހުގެތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެ ކަމަށްވެސް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

55 ކައުންސިލް އިމާރާތުގެ އިތުރުން، އިތުރު 50 ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނި ނިންމާފައެވެ. މި ކައުންސިލްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން، އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފައެވެ.