ހދ ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް މިއަހަރުތެރޭގައި ނިންމަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނެއްލައިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ނެއްލައިދޫ ފުޓްބޯޅަ ދަނޑު އަދި ފުރިހަމަ ނުވާ ކަމަށާއި މި ސަރުކާރުން އެ ދަނޑުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
އަލަށް ފަށާ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް ކަމަށާއި ފެންސް ޖަހާ ލައިޓް ހަރުކޮށް ނިންމާ ގޮތަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއަހަރު ބާރު ސްޕީޑްގައި ގެންގޮސް އެ ދަނޑުގެ މަސައްކަތް ނިންމާލަދެއްވާނެ ކަމަށެވެ.
އަދި މި އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ނެއްލައިދޫގައި ފުޓްސަލް އާއި ހޭންޑް ބޯޅަ ކުޅެވޭވަރުގެ ދަނޑެއް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފުޓްސަލް އާއި ހޭންޑް ބޯޅަ ކުޅެވޭވަރުގެ ބޮޑު ދަނޑެއް އެރަށުގައި އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީގައި ފައްޓަވާ ދެއްވާނެ ކަމަށް ރައަިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައިވެސް އެ ދަނޑުގެ މަސައްކަތް ފެއްޓޭނަމަ ފައްޓަވާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނެއްލައިދުއަކީ ފުޓްބޯޅައިގެ ހުަނރު ހުރި ކުދިން ތިބި ރަށަކަށްވާއިރު އެ ދަނޑުތަކުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ވަަރަށް ފަސޭހަވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.