ޚަބަރު

މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދު


  • އޭނާ މަޤާމަށް އައްޔަންކުރިކަން މާލީ ވުޒާރާއިން ކަށަވަރުކޮށްދޭ

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދު އައްޔަންކޮށްފިއެވެ.

ހަމްދޫން އެ މަޤާމަށް އައްޔަންކޮށްފައިވާކަން މާލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ހަމްދޫން މަލީ ވަޒީރުގެ އެޑްވައިޒަރަކަށް އައްޔަންކޮށްފައިވަނީ ކޮންދުވަހަކު ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ ވަޒީރެއްގެ ފެންވަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްގެ ވަޒީރުކަން 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް ފުރުއްވާފައިވެއެވެ. އޭގެ ފަހުން ސިންގަޕޫރުގައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާ އެ މަޤާމު ފުރުއްވާފައިވަނީ 2016 އިން 2018 އަށެވެ. އޭގެ ކުރިއަށް ދައުލަތުގެ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ޚިދުމަތް ކުރައްވާފައެވެ.

ހަމްދޫން މާލީ ވަޒީރުގެ އެޑްވައިޒަކަށް އައްޔަން ކޮށްފައިވާއިރު، އޭނާ ހާއްސަވެފައިވަނީ ޕޭލްނިންގް ދާއިރާއަށެވެ. ކުރީގެ ބިނާރާބެހޭ ވުޒާރާގެ ދަށުން އެ މަސައްކަތް ކުރަމުން އައިނަމަވެސް، އެ މަސައްކަތް މިހާރު މާލީ ވުޒާރާގެ ދަށަށް މިދިޔަ އަހަރު ވަނީ ބަދަލުކޮށްފައެވެ.