ކުޅިވަރު

ނޭކުރެންދޫ ފިޓްނަސް ސެންޓަރުގައި އިންޑޯ ބެޑްމިންޓަން ހޯލެއް ހިމަނާފައިވާނެ: ރައީސް


ހދ. ނޭކުރެންދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޑްމިންޓަން ހޯލެއް ހިމަނާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޭކުރެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނޭކުރެންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވީ އެރަށުގައި ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއެކު އިންޑޯ ކުޅިވަރުތައް ކުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އެރަށުގައި ގާއިމުކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޑްމިންޓަން ހޯލެއް ހިމަނާފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއީ އެރަށަށް ޚާއްސަކޮށް އިތުރުކުރެއްވި ވަސީލަތެއްކަމަށެވެ. ނޭކުރެންދޫއަކީ މޮޅެތި ބެޑްމިންޓަން ކުޅުންތެރިންތަކެއް ތިބި ރަށެއްކަމުން އެފުރުސަތު އެރަށަށް ފަހިކޮށްދެއްވީކަމަށް ރައީސް ވިދާޅުވެފަވެއެވެ.

"ފިޓްނެސް އެންޑް ރެކްރިއޭޝަން މަރުކަޒަކީވެސް އިންޑޯ އެކިކަހަލަ ކުޅިވަރުތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށްވާނެ. މި ފިޓްނެސް އެންދް ރެކްރިއޭޝަން މަރުކަޒު އެޅިގެންދާއިރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރުކަމެއް މިރަށުގައި ކުޅިވަރަށްޓަކައި މިރަށުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަކޮށް ބެޑްމިންޓަން ކުޅުމުގައި ވަރަށް ކުޅަދާނަ ރަށަކަށްވާއިރުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑޯ ބެޑްމިންޓަން ހޯލަކާއި އެކީގައި އެމަޝްރޫޢު ކުރިއަށްގެންދާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅިވަރާ ގުޅުންހުރި އެހެނިހެން މަޝްރޫއުތައްވެސް އެރަށުގައި ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ރަށުގައި މިވަގުތު އޮތް ފުޓުބޯޅަ ދަނޑަކީ ޓާރފް އަޅާފައިވާ ދަނޑެއް ނަމަވެސް، އެދަނޑަކީ ރޭގަނޑު ބޭނުންކުރެވޭގޮތަށް ލައިޓް ހަރުކޮށްފައިވާ ތަނަކަށް ނުވާތީ ރޭގަނޑު އެދަނޑު ބޭނުންނުކުރެވޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންވަނީ ފާޅުކޮށްފައެވެ. އެހެންކަމުން އެތަނުގައި ލައިޓް ހަރުކޮށް ވަށާފާރު ލުމުގެ މަސައްކަތުގެ އިތުރުން އެތަނުގައި ޗޭންޖިންގ ރޫމެއްވެސް ހިމެނޭހެން އެދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ފުޓުބޯޅަ ދަނޑެއް މިހާރުވަނީ ޓާރފް އެޅިފަ. އެހެންނަމަވެސް ރޭގަނޑު ކުޅެވޭގޮތަކަށް ލައިޓެއްނެތް. އަދި ފެންސްޖަހާ ރައްކާތެރިކޮށް ވަށާފާރެއް ރޭނިފައެއްވެސް ނެތް. މިމަސައްކަތަކީވެސް އަޅުގަނޑުމެން ކުރަން ނިންމާފަ އޮތް ކަންތައްތަކެއް. އެހެންވީމަ އިރާދަކުރެއްވިއްޔާ ފުޓުބޯޅަ ދަނޑުގައި އަޅުގަނޑުމެން ވަށާފާރުލުމާއި ލައިޓްޖެހުމާ އެކީގައި އަޅުގަނޑުމެން ޗޭންޖިންގ ރޫމެއްވެސް ހިމަނާލައިގެން މިކަންކުރިއަށް ގެންގޮސްދޭނަން" ނޭކުރެންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވިއެވެ.