ޚަބަރު

ރައީސްގެ ހދ. އަތޮޅު ދަތުރުފުޅުގައި ފަހު މަންޒިލަކަށް ކުމުންދޫ


  • މިއީ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 13 ވަނަ ރަށް

  • ނޭކުރެންދޫއިންވެސް ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުޙަބާއެއް ދެންނެވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުމުންދޫއަށް ވަޑައިގެންފިއެވެ.

ކުމުންދޫއަކީ ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާ 13 ވަނަ ރަށެވެ. އަދި މިއީ ރައީސްގެ މި ދަތުރުފުޅުގެ ފަހު މަންޒިލެވެ.

ރައީސުލްޖުމްހޫރިއްޔާ ކުމުންދޫއަށް ވަޑައިގަތުމުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ކުމުންދޫގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކުރިނބީގައި އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތު އެކި މަޝްރޫޢުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުމުންދޫގައި އަލަށް ގާއިމު ކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމާއި، އެރަށު ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، ކުމުންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.