ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑ.ީސ.ީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ.
ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލެބޯޓްރީއާއި ވޯޑާއި ޕްރޮސީޖަރ ރޫމާއި ނާސިން ސްޓޭޝަނާއި ގަރާޖަކާއި ސްޓޯރޭޖް އޭރިއާއެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރެވޭނެކަމަށެވެ. އަދި މިއީ 1 އަހަރު ދުވަހުގެ މަޝްރޫއެއްކަމަށާއި އައު އިމާރާތް ނިމުމުން 24 ގަޑިއިރު، ޞިއްޙީ ޚިދުމަތް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 4,600 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި، މޭ ޝަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ. އަދި ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
މި މަޝްރޫއަކީ 12.53 މިލިޔަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމު މަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވ.ެ