ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އާދަމް ޝަފީގުގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އަމީން މުޙައްމަދުއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
ހދ. ކުމުންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަލީ އަންވަރު ވިދާޅުވީ އެއަތޮޅުގެ އެހެން ރަށްރަށެކޭ އެއްގޮތަށް ކުމުންދޫއަކީވެސް ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ރަށެއްކަމަށެވެ. އަދި އެއީ ދުޅަހެޔޮ ސިއްހަތަށް ލޯބިކުރާ ކަސްރަތުކުރުމުގެ އާދަ ހިފާފައިވާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމުން މިފަދަ މަރުކަޒެއްގެ ބޭނުން ރަށަށް ވަރަށް ބޮޑުކަމަށް އަންވަރު ފާހަގަކުރެއްވިއެވެ.
"މިއީ ކުޅިވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް. އަނެއްކޮޅުން މިއީ ކަސްރަތަށްވެސް ވަރަށް ސަމާލުކަންދޭ ރަށެއް. އެހެންކަމުން މިފަދަ ސެންޓަރެއްގެ ބޭނުން ރަށަށް ވަރަށް ބޮޑު" އަންވަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާގޮތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރިން ނިންމުމަށް މިހާރުދަނީ މަސައްކަތް ކުރެވެމުންނެވެ. މިބިޔަ މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމެވެ.