ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިކޯސްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވައި އެމީހުން މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ކޯސްތަކެއްކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު ޝަމްމާ ޝަފީޤް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކީ މަސައްކަތް ކުރާއިރު ފާހަގަ ކުރެވޭ އެންމެ ބޮޑު އެއްކަމަކީ މަސައްކަތަަށް ބޭނުންވާ ސަނަދު ނެތުންކަމަށެވެ. އެގޮތުން އެފަރާތްތަކަށް ބޭނުންވާ ސަނަަދު ހާސިލްކުރުމުގެ ގޮތުން ޖޮބްއެޑިނެސް ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށްވެސް ޝަމްމާ ވިދާޅުވިއެވެ.
ޖޮބްއެޑިނެސް ޕްރޮގްރާމަކީ ކެއަރ ސޮސައިޓީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން އެކިކަހަލަ އޮފީސް މަސައްކަތާ ގުޅުންހުރި ހުނަރުތަށް ދަސްކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ވަޒީފާއަަށް ނިކުންނަން ތައްޔާރު ނޫން ބޭފުޅެއްކަމުގަ ވާނަމަ ފުރަތަމަ އެބޭފުޅަކަށް އިންޓަރޝިޕްގެ ފުރުސަތުވެސް ފަހިކޮށްދެމުން އަންނަކަމަށް ޝަމްމާ ވިދާޅުވިއެވެ.
މީގެއިތުރުން މިހާރުވެސް ޕޮލިޓެކްނިކްއާ ގުޅިގެން ކޯސްތަކެއް ހިންގުމަށް އިޢުލާން ކޮށްފައިވާ އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން 5 ދާއިރާއަކުން ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ މިކޯސްތަކަކީ އާންމުކޮށް ސެޓްފިކެޓް 3 ގެ ކޯސްތަކެއް ކަމުގަވަނީ ނަމަ 4-6 މަހާ ދެމެދުގެ މުއްދަތެއްގެ ކޯސްތަކެއް. ދެން ހަމަ އެއަށްވުރެ ކުދި ކޯސްތައްވެސް ހިންގުމަށް އިންތިޒާމު ކުރެވޭނެ. އެގޮތުން 1-2 މަހުގެ ކޯސްތައްވެސް ހުންނާނެ. މިހާރު ޕޮލިޓެކްނިކާއެކީ ހުލުވާލި ފުރުސަތުތަކަކީ މިއަންނަ އަހަރުގެ އިންޓޭކަށް ހުޅުވާލި ކޯސްތަކެއް." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު ޝަމްމާ ޝަފީޤް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން ސަރުކާރުން ގެންދަވަނީ އެލަވަންސެއް ދެމުންނެވެ. އަދި 2023 ވަނައަހަރު ވަނީ މިއެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.