ޚަބަރު

ޝަހީދު އަލީ ސްކޫލާއެކު ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް


  • އައު ސްކޫލަށް 600 އަށްވުރެ ގިނަ ކުދިން ވަންދަން އެދިފައިވޭ

  • މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމް ހުންނާނެ ސްކޫލްއެއް

  • 2 ދަންފަޅިއަށް ކިޔަވައިދޭއިރު 2000 އާއި 2500އާ ދެމެދުގެ އަދަދަކަށް ކުދިންނަށް ޖާގަލިބޭނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރާ ސްކޫލްއާއެކު ކުރިއަށް އޮތް 2 އަހަރުވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގްރޭޑް 10އަށް ހަމައަށް ކިޔަވައިދެމުން އަންނަނީ ޞަލާހުއްދީން ސްކޫލްގައި އެކަންޏެވެ. އެހެންނަމަވެސް އަންނަ ދިރާސީ އަހަރަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ "ޝަހީދު އަލީ" ސްކޫލްއާއެކު ދެވަނަ ފިޔަވަހީގައި ގްރޭޑް 10 ހަމައަށް ކިޔަވައިދޭ އިތުރު ސްކޫލްއެއް ހުންނާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އައު ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގައި ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އެސްކޫލްގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މުޅި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާ މިހާރު ކުރަމުންދަނީ ފިނިޝިންގ މަސައްކަތްތަކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދު ވިދާޅުވީ "ޝަހީދު އަލީ" ސްކޫލްއަށް ކުދިން ވެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެއިންވެސް އެ ސްކޫލްއަށް ވަންނަން ބޭނުންވާ ކުދިންނަކީ ކޮބައިތޯ ބަލާފައިވާކަމަށާއި މިހާތަނަށް އެ ސްކޫލްއަށް ވަނުމަށްޓަކައި 600 އަށްވުރެ ގިނަ ކުދިން ޝައުވެރިކަން ފާޅުކޮށްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ކުދިންނަށް އެ ސްކޫލްއިން ޖާގަ ލިބޭނެކަމަށް އެނާ ވިދާޅުވިއެވެ.

އެ ސްކޫލްގެ ޖާގައަކީ 1500 ކުދިން ނަމަވެސް 2 ދަންފަޅިއަށް ކިޔަވައިދޭއިރު 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ކުދިންނަށް ޖާގަލިބޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ދަވަނަ ފިޔަވަހީގައި މިހާރު ކިޔަވައިދެމުންދާ ޞަލާހުއްދީން ސްކޫލްއާއި "ޝަހީދު އަލީ" ސްކޫލްއައެކު ކުރިއަށް އޮތް 2 އަހަރުވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށެވެ.

"ފޭސް 2ގައި ދިިރިއުޅޭ ދަރިވަރުންގެ ތެރެއިން ޖާގަ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ޖާގަ ލިބޭނެ.
ފޭސް 2 ގައި މިހާރު ދިރިއުޅެމުންދާ ހުރިހާ ބެލެނިވެރިންނަށްވެސް ދަންނަވާލަން ބޭނުންވަނީ ސަލާހުއްދީންއާއި ޝަހީދު އަލީ މި ދެ ސްކޫލް ވީމާ މި ފެށޭ ދިރާސީ އަހަރު އަދި 2027 އަށްވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ޖާގަތައް މަގުފަހިކޮށްދެވޭނެ. އަތޮޅުތަކުން އަންނަ ދަިވަރުންނާއި މާލޭގައި ތިބި ދަރިވަރުންނަށްވެސް ޖާގަ ލިބޭނެ" ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ. ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓާވައިދެއްވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ފޭސް 2ގައި މިހާރު ތަރައްޤިކުރަމުންދާ ސްކޫލްގެ އިތުރުރަށްވެސް އެ ސަރަޙައްދުގައި އިތުރު ސްކޫލްތައް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ.