ޚަބަރު

މިއަހަރު 105 ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ނިންމަނީ


  • މި ސެންޓަރުތައް އެޅުމަށް 4 ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައި

  • މިއީ 307.4 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އެރަށަކަށް އެކަށީގެންވާގޮތުގެ މަތިން ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް އެޅުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ނިޔަލަށް 105 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެސްއޯއީތަކާއި ޙަވާލުކޮށްފައިވާ ހުރިހާ ރަށެއްގައިވެސް ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ތަފާތު މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ.

އެގޮތުން ބައެއް ރަށްރަށުގެ ވޭސްޓް އެންޑް ރިޒޯސް މެނޭޖްމަންޓް ސެންޓަރުތަކުގެ ޑިޒައިން ހެދުމުގެ މަސައްކަތާއި، އެންވަޔަރަނަމަންޓަލް މެނޭޖްމަންޓް ޕްލޭން ފާސްކުރުމުގެ މަސައްކަތްވެސް ބައެއް ރަށްރަށުގައި ކުރިއަށްދާކަމަށްވެސް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ކުރިއަށްގެންދާ "މަގޭ ސާފުރާއްޖެ" ޕްރޮގްރާމުގެ ދަށުން 105 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް އެޅުމަށް ސަރުކާރު ހިއްސާވާ 4 ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ. އެގޮތުން މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމު ތެރެއިން އަތޮޅުތަކުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ، 307 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކެވެ.

"މަގޭ ސާފުރާއްޖެ" ޕްރޮގްރާމުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ 105 ސެންޓަރުގެ އިތުރުން، ބޭރުގެ ހިލޭއެހީއާއި ލޯނުއެހީގެ ދަށުން އެ ވުޒާރާއިން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކުގެ ތެރެއިންވެސް ރާއްޖޭގެ އިތުރު ބައެއް ރަށްރަށުގައި ވޭސްޓް އެންޑް ރިޒޯސް މެނޭޖްމަންޓް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން ރަށްރަށުގައި އަޅަމުންދާ ހުރިހާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މަސައްކަތް ނިމެންވާއިރަށް، ހުރިހާ ސެންޓަރުތަކަށް ބޭނުންވާ ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓާއި މަސައްކަތަށް ބޭނުންވާ އެހެނިހެން އާލާތްތައްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކާއި އެކަށީގެންވާ ގޮތުގެ މަތިން ކުނި ކޮށި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.