ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ރާއްޖޭގެ ޤާނޫނު އާސާސީއާއި ޤާނޫނު އަސާސީގެ ދަށުން ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި އިޙްތިރާމުކުރާ އަބުރުވެރި ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުމުން ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ދިވެހިރާއްޖެއަކީ އަމާން ވެށްޓެއް ޤާއިމުވެފައިވާ ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ އަބުރުވެރި ބަޔަކު ދިރިއުޅޭތަނަކަށް ހަދައި ދިވެހި ރައްޔިތުންނާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނާއި، އެންމެންގެ މުދާ ރައްކާތެރިވެފައިވާ ޤައުމެއްކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ. އަދި އެކަންކަން ކުރެއްވުމަށް ދިވެހި ފުލުހުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ދެއްވަންޖެހޭ ކޮންމެ އެއްބާރުލުމަކާއި އެހީތެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި ދެއްވާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރުގެ ބަޔާނުގައި ދެއްވާފައިވެއެވެ. ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުގެ ބަޔާނުގައި ފުލުހުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.