ޚަބަރު

މެރިން ރިސަރޗް ސެންޓަރާއެކު ޅ.އަތޮޅު ބަޔޮސްފިޔަރ ރިޒާވަކަށް ހެދުމަށް ކުރިއެރުންތަކެއް


  • ކަނޑުގެ ދިރުންތަކުގެ ދާއިރާއިން ދިރާސާތަށްކުރާނެ

  • ކަނޑުގެ ދިރުންތަކާގުޅޭ ގިނަ މަޢުލޫމާތުތަކެއް އެއްކުރާނެ

ފާދިއްޕޮޅު ޖަވަކަރަ އައިލަންޑްގައި ހުޅުވި އެންމެ ބޮޑު މެރައިން ރިސާރޗް ސެންޓަރާއެކު އެ އަތޮޅު، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖަވަކަަރަ ރިސޯޓުގައި ޤާއިމްކުރި ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރ ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ފަތުރުވެރިކަމާއި ތިމާވެެށްޓާ ބެހޭ ވަޒީރު ޠާރޤް އިބްރާހީމް ވިދާޅުވީ އަލަށް ޤާއިމްކުރި މެރައިން ރިސާރޗް ސެންޓަރުގެ އެންމެ މުހިންމު ކަމަކީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށް ވާއިރު ކަނޑުގެ ދިރުންތަކާއި ބަޔޯރޑައިވާސިޓީގެ ދާއިރާއިން މަސައްކަތްތަކެއް ކުރެވުންކަމަށެވެ.

ވަޒީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މި ފަދަ ސެންޓަރތައް ޤާއިމްކޮށް ޔުނިވަރސިޓީތަކާއެކު މަސައްކަތް ކުރުމަކީ ކަނޑުގެ ދިރުންތައް ބަލަހައްޓާނެ ގޮތުގެ ދިރާސާތައް ކުރެވޭނެކަމެއްކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޅ. އަތޮޅަކީ ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅުމައްކަށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އައު މެރިން ރިސަރޗް ސެންޓާރާއެކު ޅ. އަތޮޅު ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިވެގެންދާނެކަމަށެވެ.

"ޖަވަކަރަ ރިސޯޓަކީ ޅ. އަތޮޅުގައި އޮތް ރިސޯޓެއް. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޅ. އަތޮޅަކީ ބަޔޯޑައިވަރސިޓީގެ ގޮތުން ކިހާ ވަރެއްގެ ތަނެއްތޯ ބަލައި ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުން. މި ރިސާރޗް ސެންޓަރ ވެގެންދާނީ ބަޔޮސްފިއަރ ރިޒާވް ހެދުމުގައި ޓެކްނިކަލް މަސައްކަތް ކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ތަނަކަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސެންޓަރއަކީ މެރިން ރިސަރޗް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މުހިންމު އަދި ގިނަ މައުލޫމާތުތަކެއް ލިބިދޭނެ ތަނަކަށް ވާނެކަމަށެވެ. އަދި ރާއްޖޭގެ ބަޔޯރޑައިވާސިޓީއަށްވެސް އިތުރު މުއްސަނދިކަމެއް ލިބިގެންދާނެ ތަނަކަަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖަވަކަރަ އައިލަންޑްގައި ހުޅުވި މެރައިން ރިސާރޗް ސެންޓަރުގައި ވަނީ ފަހުގެ ވަސީލަތްތައް ޤާއިމްކޮށްފައެވެ. އަދި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ ދިރާސާވެރިންނާއި އެކި ކަމާގުޅުންހުރި ތަޖުރިބާކާރުންގެވެސް ބައިވެރިވުމާއެކުއެވެ.

މި ސެންޓަރު ޤާއިމްކޮށްފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި ޗަމްޕަރ ބްރަދަރސްއިންނެވެ. މިފަދަ ރިސަރޗް ސެންޓަރެއް ޤާއިމްކުރުމުން ހާމަކޮށްދެނީ އެކުންފުނިން ރާއްޖޭގެ ބަޔޯޑައިވަރސިޓީ ކަންކަން ބަލައި އިތުރަށް ކުރިއަރުވަން ދޭ އަހަމިއްޔަތުކަންކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ބ.އަތޮޅާއި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ. ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން، ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުން ހަރުދަނާކުރުމަށް ބާރުއަޅަން މަގުފަހިވެގެންދެއެވެ.

ޅ. އަތޮޅު ބަޔޮސްފިޔަ ރިޒާވަކަށް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް މިއަހަރު ކުރިއަށްދާނެކަން ވަޒީރު ކުރިން ވަނީ ހާމަކުރައްވާފައެވެ.