ފުލުހުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބ. އަތޮޅު ޕޮލިސް ސްޓޭޝަނުން އެ އަތޮޅުގެ 8 ރަށެއްގައި "ވޯކް އެންޑް ޓޯކް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ފުލުހުންގެ ދުވަހާ ގުޅިގެން "ވޯކް އެންޑް ޓޯކް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހުގެ ހަރަކާތެއްގެ ގޮތުގައެވެ.
މި ހަރަކާތްތައް ކުރިއަށްގެންދިޔައީ އޭދަފުށި، ތުޅާދޫ، ކެންދޫ، ކަމަދޫ، ކުޑަރިކިލު، ދޮންފަނު، ހިތާދޫ އަދި މާޅޮހުގައެވެ. މިއީ ފުލުހުންނާއި ރައްޔިތުން ގުޅިގެން، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
"ވޯކް އެންޑް ޓޯކް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރޭގައި ފުލުހުން ވަނީ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިމެނެއެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ދިނުމުގައި ރަނގަޅުކުރަންވީ ކަންތައްތައް ރައްޔިތުންގެ ކިބައިން އޮޅުންފިލުވައި، ކުރިއަށް އޮތްތަނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާ ބެހޭގޮތުން އާންމުންގެ ޚިޔާލުވެސް ހޯދާފައިވެއެވެ. އަދި މި ހަރަކާތުގައި، ރަށްރަށުގެ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިންނާވެސް ވަނީ ބައްދަލުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ ކުށްމަދު ރައްކާތެރި މުޖުތަމައެއް ރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް އެ އިދާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ހަރަކާތްކަމަށެވެ. އަދި އާންމު ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ގުޅުން ބަދަހިކުރުމަށް ފުލުހުން އަންނަނީ މިފަދަ ތަފާތު ހަރަކާތްތައް ރަށްރަށުގައި ހިންގަމުންނެވެ.