ޚަބަރު

ހައްޖުވެރިންނަށް މަޢުލޫމާތުދޭ ބައްދަލުވުންތައް މިއަދު ފަށާނެ


މިއަހަރު ޙައްޖަށްދާ މީހުންނަށް ޙައްޖާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް މިއަދު ފަށާނެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު މިއަހަރު 5 ޖަމާޢަތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން ޙައްޖަށް ގެންދާ މީހުންނަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުން މިރޭ ފަށާނެކަމަށެވެ. މިގޮތުން މިރެއިން ފެށިގެން 5 ދުވަހަށް ކުރިޔަށްދާ މި ބައްދަލަވުންތައް އޮންނާނީ ދަރުބާރުގޭގައި ކަމަށް އެ ކުންފުނިން ބުނެއެވެ. ފުރަތަމަ ބައްދަލުވުން ފެށޭނީ މިރޭ 8:30ގައެވެ.

އަމިއްލަ ޖަމާޢަތެއްކަމަށްވާ އަލްޙަރަމައިން ޙައްޖު ގުރޫޕުން ބުނީ އެ ގްރޫޕްގެ ބައްދަލުވުންތައްވެސް މިއަދު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް، މިރޭ 8:00 އިން 11:00 އަށް އަދި މާދަމާ ރޭ 8:15 އިން 11:00 އަށް އެ ޖަމާޢަތުގެ ބައްދަލުވުންތައް އޮންނާނެކަމަށް އެ ޖަމާޢަތުން މަޢުލޫމާތުދެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަޙްމަދިއްޔާ ސްކޫލް ހޯލްގައިކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ޒައީމާ ޙައްޖު ގްރޫޕުން ބުނީ އެ ގްރޫޕްގެ ޙަވާލުގައި ޙައްޖަށްދާ ފަރާތްތަކަށް ބައްވާ ބައްދަލުވުންތައް މަދާމާ ހެދުނު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ހެދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު  2:00 އިން 5:00 އަށް ކުރިޔަށްގެންދާ މި ބައްދަލުވުންތައް އޮންނާނީ ޢަރަބިއްޔާ ސްކޫލް ހޯލްގައިކަމަށް އެ ޖަމާޢަތުން ބުނެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު މި އަހަރު 5 ޖަމާޢަތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އަންނަ ހޯމަދުވަހުން ފެށިގެން ހައްޖާޖީން ޙައްޖަށް ދިޔުމަށް ފުރަންފަށާނެއެވެ.