ޚަބަރު

ޤައުމީ ތަށި ހޯދުނީ މުހިންމު ވަގުތުގައި ރަނގަޅަށް ކުޅުމުން: ޝައްފާން


63 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުނީ މުހިންމު ވަގުތުތަކުގައި ރަނގަޅަށް ކުޅުމުން ކަމަށް މުހައްމަދު ޝައްފާން އިސްމާއިލް ބުނެފިއެވެ.

މިފަހަރު މުބާރާތުގެ ފައިނަލަށް ނުކުތީ އިތުބާރާއި ޔަގީންކަމާ އެކު ކަމަށާއި، އަބަދުވެސް އެ ޔަގީންކަން އޮންނަ ކަމަށް ޝައްފާން ބުންޏެވެ. ޝައްފާން ބުނީ ޔަގީން ކަމެއް ނެތި ކާމިޔާބު ނުހޯދޭނެ ކަމަށެވެ.

ގައުމީ ފައިނަލު ޝައްފާން ކާމިޔާބު ކުރީ ފުރަތަމަ ގޭމް މޫސާ މުންސިފް އަހުމަދު ކާމިޔާބުކޮއްފަ ވަނިކޮށް ފަހަތުން އަރައި ހަތަރު ގޭމް ހޯދައިގެންނެވެ. ޝައްފާން ސެޓުތައް ގެންދިޔައީ 11-07 ، 13-11 ، 08-11 އަދި 18-16 އިންނެވެ.

މުޅި މުބާރާތުގައި ހިތްހަމަޖެހޭވަރުގެ ކުޅުމެއް ދެއްކުނު ކަމަށް އަނިޔާގެ ސަބަބުން ހުސްވި އަހަރުގެ މުބާރާތް ގެއްލުނު ޝައްފާން ބުންޏެވެ.

"މިދިޔައަހަރު އަނިޔާހުރެ މުބާރާތުގައި ނުކުޅެ، އެނބުރިއައިސް އަނެއްކާ ވެސް މުބާރާތް ކާމިޔާބު ކުރެވުނީ ވަރަށް އުފާވޭ." ޝައްފާން ބުންޏެވެ.

މިއަހަރުގެ ގައުމީ ފައިނަލަކީ ލަފާކުރިވަރަށް ވުރެން ނަތީޖާ ކައިރިން ވާދަކުރެވުނު ފައިނަލެއް ކަމަށް ޝައްފާން ބުންޏެވެ.

މިއަހަރުގެ ފައިނަލުގެ ނަތީޖާއާއެކު ވިދިވިދިގެން ފައިނަލުން މުންސިފް ހަތަރުވަނަ ފަހަރަށް ބަލިވި އިރު މިއީ ޝައްފާން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.