ޚަބަރު

"ރައީސް ގެންދަވަނީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން"


  • ކައުންސިލްތަކަަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ރައީސް ދަނީ ރަށްރަށަށް ދަތުރުފުޅުކުރައްވަމުން

  • ދަތިތަކަށް ހައްލު ހޯދުމަށް ރައީސް ވަނީ ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައި

ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންގެ ހާލު ބެއްލެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޚާއްސަ އިސްކަމެއްދެއްވައި، ޝައުޤުވެރިކަމެއް ބަހައްޓަވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.

މިފަދަ މޭރުމަކުން ރައީސް ޑރ. މުޢިއްޒު ރަށްރަށަށް ދަތުރުފުޅުކުރައްވަމުން ގެންދަވަނީ ވަރަށް މާތް މަޤުޞަދެއްގައެވެ. ރައްޔިތުންގެ ހާލު ވީހާވެސް ގާތުން ބެއްލެވުމަށެވެ. ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމުގައި ކައުންސިލްތަކަަށް ދިމާވާ މައްސަލަތައް ދެނެގަނެ، ކަންބޮޑުވުންތައް ގާތުން އަޑުއެހުމެވެ. އަޑު އެހުމާއި ބައްދަލުކުރެއްވުމަކީ ކޮންމެ ވެރިއަކު ވެސް ކުރައްވާ ކަމެކެވެ. ރައީސް ޑރ. މުޢިއްޒުގެ ތަފާތަކީ ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ދެއްވާ ޚައްސަ އަހަންމިއްޔަތެވެ. އެކަން މިއަދު ޢަމަލުން އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ.

ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވައި، ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓު ދިނުމުގެ އުޞޫލަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ރައީސް ޑރ. މުޢިއްޒު މިހާރު ވަނީ ނިންމަވާފައެވެ. އެގޮތުން ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ ކުރިން އާބާދީ ބޮޑެތި ރަށްރަށަށް ބޮޑު ގްރާންޓެއް ދިން ނަމަވެސް، އަންނަ އަހަރުން ފެށިގެން އެންމެ ބޮޑު ގްރާންޓެއް ލިބޭނީ ބިން ބޮޑެތި ރަށްރަށަށެވެ. ސަބަބަކީ ބިން ބޮޑެތި ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް ގިނަވުމާއި އެކަމަށް ހިނގާ ޚަރަދު ބޮޑުވުމާއެކު ބްލޮކް ގްރާންޓަށް ގެނެވޭ ބަދަލާއެކު ބިން ބޮޑެތި، ނަމަވެސް އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްތަކަށް ލުޔެއް ލިބިގެންދާނެތީއެވެ.

މިކަން ފާހަގަކުރައްވައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސް ޑރ. މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ ލިބޭނެ މަގެއްފަހިކޮށްދެވުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ ކަނޑައަޅާފައިވާ ގޮތް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ނިންމަވާފައެވެ.

ބްލޮކް ގްރާންޓަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެވެ. މީގެ ތެރެއިން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ނުވަތަ ރަށް ސާފުކޮށް ބެލެހެއްޓުމާއި އާބާތުރަފިލުވުމާ ގުޅޭ މަސައްކަތްތައްކުރަނީ ވެސް މި ގްރާންޓްގެ ދަށުންނެވެ. ނަމަވެސް ބައެއް ރަށްތަކަކީ އާބާދީ ކުޑަ ނަމަވެސް، މުނިސިޕަލް މުވައްޒަފުން ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދު ބޮޑެތި ރަށްތަކެވެ. މިފަދަ ރަށްރަށަށް ބްލޮކް ގުރާންޓްދޭ އައު އުޞޫލާ އެކު ހެޔޮ ބަދަލެއްކުރާނެއެވެ.

ބްލޮކް ގްރާންޓްގެ އިތުރުން ގިނަ ކައުންސިލްތަކެއްގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ފަޅު ރަށްރަށް ދޫކުރަން ފެށްޓެވީވެސް މި ސަރުކާރުންނެވެ. މިކަންކަމުންވެސް ދޭހަކޮށްދެނީ ރައީސް މުޢިއްޒުގެ ސިޔާސަތަކީ ކައުންސިލްތަކުގެ އަޑު އަހައިގެން މައްސަލަތަކަށް ހައްލު ހޯދައި ލާމަރުކަޒީ ނިޒާމު ފައްކާކުރުން ކަމެވެ.