ޚަބަރު

އެމް.ޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވަނީ


  • ދަފްތަރު ހުޅުވަނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ 4 ވަނަ ފަންގިފިލާގައި

  • މި ދަފްތަރު ހުޅުވާފައި ހުންނާނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މަރްހޫމް މުޙައްމަދު އުމަރު މަނިކު، އެމްޔޫ މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީއިން ނިންމައިފިއެވެ.

މަޓީގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދެވި އެމްޔޫ މަނިކު، އުމުރުފުޅުން 78 އަހަރުގައި އަވަހާރަވެފައިވަނީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.

މަރުޙޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވަނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ 4 ވަނަ ފަންގިފިލާގައެވެ. މި ދަފްތަރުގައި ޢާންމުންނަށްވެސް ސޮއިކުރެވޭނެއެވެ.

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ދަފްތަރުގައި ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މުޙައްމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރިކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން މުޙައްމަދު އުމަރު މަނިކު ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި އެމަނިކުފާނަށް ވަނީ 2011 ވަނަ ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުފާފައެވެ.