ޗައިނާގެ ޚާރިޖީ ވަޒީރު ވޯންގް ޔީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުކުރައްވައިފިއެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމަށް މުހިންމު ބައެއް ކަންކަމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އިންޑިޔާގެ މީޑިޔާއިން ބުނެއެވެ. މިބައްދަވުމުގައި އިންޑިޔާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު އަޖިތު ދޯވާލް އާ ފޮރިން ސެކްރެޓަރީ ސުބްރަމާނިޔަމް ޖަޔަޝަންކަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިޔާއަށް 3 ދުވަހުގެ މުއްދަތަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ޗައިނާގެ ޚާރިޖީވަޒީރު ވޯންގް ޔީ އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އާއިވެސް މިއަދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ހުރި މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަށް އިންޑިޔާގެ ތާއީދު ހޯއްދެވުމަށް ވޯންގް ޔީ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.