ކ އަތޮޅު ހުރާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެސްކޫލުގެ ދަރިވަރު ރިޒްނާ ޢަބްދުލް ވައްހާބު ހޮވިއްޖެއެވެ. ހުރާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށްް ރިޒްނާ ހޮވިފައިވާއިރު، މިދިޔަ އަހަރުގެ އޯލެވެލްގެ ރާއްޖޭގެ ގަދަ 10ގެ ތެރެއިން 9 ވަނައިގައިވެސް އޭނާ ހިމެނިފައިވެއެވެ. އަދި އޭނާވަނީ 8 މާއްދާއިން ފާސްވެފައެވެ.
ރިޒްނާ އަކީ ކިޔެވުމުގެ އިތުރުން ސްކޫލުގެ އެކި ޙަރަކާތްތަކުގައި އިސް ދައުރެއް އަދާކޮށްފައިވާ ދަރިވަރެކެވެ. މިގޮތުން އޭނާ ވަނީ ހުރާ ސްކޫލްގެ އެކްޓިވިޓީ ކެޕްޓަންގެ މަޤާމްވެސް އަދާކޮށްފައެވެ. މިދިޔަ އަހަރު ހުރާ ސްކޫލުން 11 ކުއްޖަކު 5 މާއްދާއިން ފާސްވެފައިވެއެވެ. އަދި 4 ދަރިވަރަކު ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. ހުރާ ސްކޫލްގެ އިނާމް ދިނުމުގެ ރަސްމިޔާތުގައި ވަނީ، އެކި ރޮނގުތަކުން ވަނަވަނަ ޙާޞިލްކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުމާއި ޓޮރޮފީ އަދި މެޑަލް އަރުވާފައެވެ.
ކ. އަތޮޅު ހުރާ ސްކޫލަކީ، އަހަރަކަށްވުރެ އަހަރެއް ތަޢުލީމީ ގޮތުން މަތީ ހަރުފަތްތަކަކަށް އަރަމުން އަންނަ ސްކޫލެކެވެ. އެގޮތުން ހުރާ ސްކޫލުގައި 2015 ވަނަ އަހަރުގެ ޖީސީ އޯލެވެލް އަދި ކެމްބްރިިޖްގެ 5 މާއްދާއިން މަތިން ފާސްވި ކުދިންގެ ޢަދަދު ވަނީ 90 އިންސައްތަ އަށްވުރެ މައްޗަށް އަރާފައެވެ. 2015 އަހަރުގެ ހުރާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވަނީ އެކި ގޮތްގޮތުން ވަނަ ހޯދި ދަރިވަރުންނަށާއި، ކާމިޔާބީތައް ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ އަދި މެޑަލް ޙަވާލުކުރައްވާފައެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާޢީލެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިބްރާހިމް އިސްމާޢީލް ވަނީ، ހުރާ ސްކޫލުން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރައްވައި ތަޢުރީފް ކުރައްވާފައެވެ.
މި ހަފްލާގައި ކ.އަތޮޅު ކައުންސިލްގެ ފަރާތުން ހުރާ ސްކޫލަށް ވަނީ ވޯޓަރ ޑިސްޕެންސަރެއް ހަދިޔާ ކުރައްވާފައެވެ. ހުރާ ސްކޫލަކީ، 183 ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދާ ސްކޫލެކެވެ. މިސްކޫލުގައި ގްރޭޑް 10 އަކާއި ހަމަޔަށް ކިޔަވައިދޭއިރު، މި ސްކޫލުން އަންނަނީ އަހަރަކަށްވުރެ އަހަރެއް ނަތީޖާ ރަނގަޅު ކުރަމުންނެވެ.