ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ކާމިޔާބީގައި ކުޅުންތެރިން ކުރި ހިތްވަރުގެ ސަބަބުން އަންގާރަ ދުވަހުގެ މެޗަށް އޮތް އުންމީދު ބޮޑުކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޯހަން ބުނީ މެޗު ކާމިޔާބުވީ ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ނުބަލާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށެވެ. މެޗަށް ފުރުމުގެ ކުރިންވެސް މޯހަން ބުނެފައިވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅުވާނެ ކަމާމެދު އޭނާގެ ފުރިހަމަ އިތުބާރު ކުޅުންތެރިންނަށް އޮތް ކަމަށެވެ.
ލަންކާ އަތުން ލިބުނު ކާމިޔާބީއާއި ގުޅޭ ގޮތުން މޯހަން ބުނީ މިއީ އުނދަގޫ މެޗެއް ކަމަށާއި، ލަންކާ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.
ލަންކާ އަތުން ރާއްޖެ މޮޅުވި އިރު މިއީ އެންމެފަހުން ގައުމީ ޓީމު ކުޅުނު 5 މެޗުގެ ތެރެއިން މޮޅެއް ލިބުނު ހަމައެކަނި މެޗެވެ. އެންމެ ފަހުން ރާއްޖެ މޮޅުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބަނގްލަދޭޝް އަތުންނެވެ.
އޭގެ ފަހުން މިއަހަރު ކުޅުނު އެއްވެސް މެޗަކުން ރާއްޖެއަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ޓިމޯ ލެސްޓޭ، އިންޑިއާ، އަދި ޕިލިޕީންސް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ މެޗުތަކުގައިވެސް ރާއްޖެއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އެހެންނަމަވެސް މީގެ ކުރިންވެސް ގައުމީ ޓީމުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު މޯހަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ނިކުތް ފުރަތަމަ ބައިނަލްއަގްވާމީ މެޗުން މިވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ލަންކާ އާއި ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުން މި ލިބުނު ކާމިޔާބީއަށް ބެލުމެއް ނެތި އަންގާރަ ދުވަހު އޮންނަ ދެވަނަ މެޗަށް ތައްޔާރުވާނެ ކަމަށް މޯހަން ބުންޏެވެ.
މޯހަން ވަނީ 1995 ން 2008 އަށް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ދައުރު އަދާކޮށްފައެވެ. އަދި އޭރު ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގައި އޭނާގެ ދައުރު ފާހަގަކޮށްލެވެއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕަކީ ރާއްޖެއާއި ލަންކާއާއި ދެގައުމުގެ ދެމެދުގައި ކުޅޭ މުބާރާތެކެވެ. ހަތަރު ގައުމުގެ މެދުގައި ކުޅުމަށް ރޭވި މި މުބާރާތަށް ބޫޓާނާއި ބަނގްލަދޭޝްއަށް ނާދެވުމުން މި މުބާރާތުގައި ކުޅޭނީ ހަމައެކަނި ދެމެޗެކެވެ.
ލަންކާއިން ވަނީ ގައުމުން ބޭރުގައި ކުޅެމުންދިޔަ މޮޅެތި ކުޅުންތެރިން ގެނެސް އެގައުމުގެ ގައުމީ ޓީމު ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް އިއްޔެގެ މެޗުގެ ނަތީޖާއަށްފަހު ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އެގައުމުން މަސައްކަތްކުރާނެއެވެ.
ރާއްޖެއަތުން ފަސޭހަކަމާއެކު މޮޅުވެވޭވެނެ ކަމުގެ އުންމީދުގައި ނިކުތް ލަންކާއަށް އިއްޔެގެ މެޗުގައި އަމިއްލަ ގައުމުގައިވެސް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާއިރު ލަންކާ ރާއްޖެ އަތުން މޮޅުވީ އެންމެ ތިން މެޗުންނެވެ. ލަންކާ އާއި ރާއްޖެ އާއި ދެމެދު ކުޅުނު 23 މެޗުގެ ތެރެއިން 10 މެޗުން ރާއްޖެ މޮޅުވެ، އަނެއް 10 މެޗުން ވަނީ އެއްވަރުވެފައެވެ. ލަންކާ އަތުން ރާއްޖެ އެންމެ ފަހުން ބަލިވީ 2002 ވަނަ އަހަރު ކުޅުނު މެޗެއްގައެވެ.