ޚަބަރު

ފަހުމީ ވަކިކޮށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޝަމާޙް އައްޔަނުކޮށްފި


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެމަގާމަށް މ. ސިސްކިން، އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކޮށްފައިވާކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި އަޙްމަދު ޝަމާޙް މީގެ ކުރިން ވަނީ މިފްކޯގެ ސީއީއޯގެ މަޤާމު އަދާކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކުރެއްވި ހުސެއިން ފަހުމީއަކީ އެމަގާމަށް އައްޔަންކޮށްފައިވަނީ އަދުގެ ސަރުކާރު ވެރިކަން ފެށުމާއެކު 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28ވަނަ ދުވަހުއެވެ.

މިބަދަލާ ގުޅޭ އިތުރު ތަފްޞީލެއް ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރައްވާފައިނުވެއެވެ.