ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2025 ފަށައިފިއެވެ.
މި އެގްޒިބިޝަން ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. މި އެގްޒިބިޝަން ފަށްޓަވައިދެއްވައި، ވަޒީރު ވަނީ ސްޓޯލްތަކަށް ޒިޔާރާތްކޮށް ބައްލަވާލަލައްވާފައެވެ.
މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ކުރިއަށްދާނީ މިމަހުގެ 7 އިން 9 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިއީ ދިވެހި އެކްސްޕޯ ސާރވިސަސްއާއި ސީޑީސީ އިވެންޓްސްއިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އެގްޒިބިޝަނެކެވެ.
މި އެގްޒިބިޝަންގައި ޖަރުމަން، އެމެރިކާ، ޔޫއޭއީ، ޗައިނާ، އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި ސިންގަޕޫރު ހިމެނޭހެން ޤައުމުތަކުން 150އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. މި އެގްޒިބިޝަންގައި 7000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ބްރޭންޑްތަކާއި 100 އަށްވުރެ ގިނަ އައު ޕްރޮޑަކްޓްތައް ލޯންޗްކުރަން ހަމަޖެހިފައިވެއެވެ. މި މައުރަޒުގައި 20އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވާ ގްލޯބަލް ކަލިނަރީ ޗެލެންޖްވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން މި މައުރަޒުގައި އައު ކަމެއްގެ ގޮތުން ސައިފަތާއި ސަޔާ ގުޅޭ ކެޓެގަރީއެއް ވެސް ހިމަނައިފައިވެއެވެ. "ޓީ ސޮމެލިއާސް"ގެ ނަން ދީފައިވާ މި ކެޓެގަރީގައި، އެކި ގޮތްގޮތަށް ސައި ތައްޔާރުކުރުމުގެ މާހިރުން ބައިވެރިވާނެއެވެ.މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ކާބޯތަކެތި އުފެއްދުމާއި، ބަދިގެއާއި ހޮޓަލުގެ ސާމާނާއި، ސްޕާ އެންޑް ވެލްނެސް ޕްރޮޑަކްޓްސް، ސޭފްޓީ އެންޑް ސެކިއުރިޓީ ސޮލިއުޝަންސް، ފަދަ ތަކެތި ދައްކާލާނެއެވެ.