ގެދޮރުވެރިޔާ ސްކީމުންގެ ދަށުން މަސައްކަތް ނިމެމުންދާ ވަރަކުން ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އަންނަނީ ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމުގެ މަސައްޖަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ފަހި ދިިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ފަރާތްތަކުގެ ތެރެއިން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް އެކުންފުނިން އެކި ފަރާތްތަކަށް އަންގަމުންދާކަމަށެވެ. އެގޮތުން މިހާރު ޑިޕޮސިޓް ދެއްކުމަށްޓަކައި އަންގަމުން ދަނީ ހުރިހާ މަސައްކަތް ނިމިފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ފެލްޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ސެކިއުރިޓީ ޑިޕޮސިޓްވެސް އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ އުސޫލުން އާއްމުންނަށް ފަސޭހަވާނޭ ގޮތަށް ބަލައިގެން އެއުޞޫލުން ކުރިއަަށްގެންދެވޭނެކަމަށް އެފްޑީސީން މަޢުލޫމާތު ދެއްވިއެވެ.
އެފްޑީސީން އެންމެ ފަހުން އާންމުކޮށްފައިވަ މަޢުލޫމާތަށް ބަލާއިރު މިހާތަނަށް 3088 ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލަން ތާވަލްކޮށްފައިވާއިރު 3032 ފަރާތަކާއެކު ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. އަމާޒަކީ މިމަހުގެ ނިޔަލަށް 4000 ފްލެޓް ލިބޭ އެންމެނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ގެދޮރުވެރިޔާ ސްކީމްގައި އެންމެ ފުރަތަމަ ކުލީގެ ގޮތުގައި ކަނޑައެޅީ 3 ކޮޓަރިއަށް 13000 ރުފިޔާ އަދި 2 ކޮޓަރިއަށް 9000 ރުފިޔާއެވެ. ނަމަވެސް ގަވައިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ނިންމާ، އެ ފަރާތްތަކުގެ ކުލިން، 3 ކޮޓަރީގެ އެޕަރޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕަރޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެފްޑީސީން ވިދާޅުވެފައިވަނީ ތަޅުގަނޑު ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕަރޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ފައިސާ ދެއްކުމުންކަމަށެވެ. ސަރުކާރުން ކަނޑައަޅާފަވަނީ 2 ކޮޓަރީގެ އެޕަރޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.