ޚަބަރު

ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާ ގައުމީ ސްކޮޑަށް ވިދާދު އާއި އަޒްމީން


ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ހަތްވަނަ ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާ ގައުމީ ސްކޮޑަށް އިސްމާޢީލް އަޒްމީނާއި، އައިޝަތު ފަައިނާޒް އާއި، އާދަމް އަދީލް އާއި އައިމިނަތު ވިދާދުވެސް ހޮވިއްޖެއެވެ.

ގައުމީ ސްކޮޑަށް އަޒްމީން ހޮވުނީ ސިލެކްޝަން ރައުންޑް 3 ގައި މުހައްމަދު މުންތަސިރު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ގައުމީ ސްކޮޑަށް އައިޝަތު ފައިނާޒް ހޮވުނީ ސިލެކްޝަންގެ ރައުންޑް 3 ގައި އައިމިނަތު ވިދާދު 2-1 ސެޓުން ބަލިކޮށްގެންނެވެ.

ސިލެކްޝަން ރައުންޑް 4 ގައި ވާދަކޮށް އާދަމް އަދީލްވެސް ވަނީ ގައުމީ ސްކޮޑުން ފުރުސަތު ހޯދާފައެވެ. އޭނާ ގައުމީ ސްކޮޑަށް ހޮވުނީ ޚާތީމް ޚަލީލް 2-1 ސެޓުން ބަލިކޮށްގެންނެވެ. އައިމިނަތު ވިދާދު ގައުމީ ސްކޮޑުގެ ޖާގަ ހޯދީ ސިލެކްޝަން ރައުންޑް 4 ގައި އައިމިނަތު ވިޝާމާ 2-1 ސެޓުން ބަލިކޮށްގެންނެވެ.

މި ކުޅުންތެރިންގެ އިތުރުން ކެރަމް ވޯލްޑް ކަޕުގައި ވާދަކުރާ ގައުމީ ޓީމު އެކުލަވާލުމަށް ކުރިއަށްދާ ސިލެކްޝަން މެޗުތަކުގެ ތެރެއިން ގައުމީ ސްކޮޑުގެ ޖާގަ ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިބްރާހީމް ހުޖާން އާއި އައިޝަތު ނަހުފާ އާއި ހަސަން ނާޒިމް އަދި ފާތިމަތު ރަޔާނާއެވެ.

ޑިސެމްބަރު 2-6 ބާސެލޯ ނަސަންދުރައިގައި ބާއްވާ ކެރަމް ވޯލްޑްކަޕަށް އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިން ހޮވާނެއެވެ. މިދިޔަ އަހަރު ބޭއްވި ކެރަމް ވޯލްޑް ކަޕް އޮތީ އެމެރިކާގެ ކެލިފޯނިއާގައެވެ. އެ މުބާރާތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ފިރިހެން ޓީމުން ތިން ވަނަ ހޯދީ ސިންގަޕޫރު ބަލިކޮށްގެންނެވެ. ރާއްޖެއިން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްގެންނެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ކުރިޔަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. ރާއްޖެއިން ވަނީ 2014 ވަނަ އަހަރުވެސް ކެރަމް ވޯލްޑް ކަޕް ހޯސްޓްކޮށްފައެވެ.