ޚަބަރު

ރާއްޖޭގެ ފަރުމަހުގެ އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ސަރވޭއެއް


  • މަސްވެރިން ބާނާ ފަރުމަހުގެ ބޮޑުމިނާއި ބަރުދަން ބަލާނެ

  • މަސްވެރިކަންކުރުމަށް ބޭނުންކުރި ތަކެއްޗާއި އުޅަނދުގެ މައުލޫމާތު އެއްކުރާނެ

ރާއްޖޭގެ ފަރުމަހުގެ އާބާދީއާއި ފަރުމަސްވެރިކަމަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.

މިއީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފަރުމަހުގެ މަސްވެރިކަން މޮނިޓަރ ކުރުމަށް މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުގެ ސައިންސް އަދި ރިސަރޗް ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސަރވޭއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ރިސަރޗް އެސިސްޓެންޓު ޝިމްހާޒް ވާފިރު ވިދާޅުވީ، ކަނޑުމަހުގެ މަސްވެރިކަމުގެ މައުލޫމާތު ފަސޭހައިން އެބަހުރިކަމަށާއި އެހެންނަމެސް ފަރުމަހުގެ މަސްވެރިކަމާއި ދިމާވާ އެކި މައްސަލަތަކުގެ މައުލޫމާތު އެކަށީގެންވާ ވަރަށް އެއްކުރެވިފައިނެތްކަމަށެވެ. އެހެންކަމުން މި ސަރވޭއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުމަހުގެ އާބާދީއަށާއި ފަރުމަހުގެ މަސްވެރިކަމަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެއްކަމަށް ޝިމްހާޒް ވިދާޅުވިއެވެ.

މި ސަރވޭގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކޮށްފައިވާކަމަށް ޝިމްހާޒް ވިދާޅުވިއެވެ. މިދަތުރުތަކުގައި މަސްވެރިން ބާނައިގެން އަންނަ މަހުގެ ބޮޑުމިނާއި ބަރުދަން ބެލުމާއި މަސްވެރިކަން ކުރުމަށް ބޭނުންކުރި ތަކެއްޗާއި އުޅަނދުގެ މައުލޫމާތު ނެގިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އުތުރުން 2 ރަށެއް، ދެކުނުން 2 ރަށް އަދި މެދުރާއްޖެ ތެރެއިން 1 ރަށަށް ވަނީ ދަތުރުކޮށްފައި. މިއީ 6 ވަނަ ދަތުރު. މަސްވެރިން ފަރުމަސް ބާނައިގެން އައުމުން ބޮޑު ކުޑަމިނާއި ބަރުދަން ބެލޭނެ. އަދި މަސްބާނަން ކުރި މަސައްކަތުގެ މައުލޫމާތު ނަގާނެ. އުޅަނދުގެ މައުލޫމާތު މަސްވެރިކަން ކުރި މައުލޫމާތު އެއްކުރާނެ." ޝިމްހާޒް ވިދާޅުވިއެވެ.

ޝިމްހާޒް ވިދާޅުވީ މި ސަރވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ފަރުމުގެ އިތުރު ދިރާސާތަކެއް ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަރުމަހުގެ ދަރިމައިވުމުމާއި މަހުގެ އުމުރު ދެނެތުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްކުރުމަށްޓަކައި ލެބޯޓަރީތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.