ޚަބަރު

އެމްއެމްއައިއިން މަސައްކަތުގެ މާޙައުލުގައި އޭއައިގެ ބޭނުންކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް


  • ތަމްރީން ޕްރޮގްރާމް 88 ބައިވެރިން ބައިވެރިވި

  • ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 2 ދުވަހުގެ މުއްދަތަކަށް

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން، މަސައްކަތުގެ މާހައުލުގައި އާޓިފިޝަލް އިންޓެލިޖެންސް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

"އޭއައި އިން ދަ މޮޑާން ވޯކްޕްލޭސް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މުވައްޒަފުންނާއި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިމަހުގެ 9އިން 10އަކަށް ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި 88 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މަސައްކަތު ބައްދަލުވުން ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ.

ދެ ދުވަހުގެ މި ވޯކްޝޮޕްގެ ތެރެއިން މަސައްކަތުގެ މާޙައުލުގައި އާރޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި، އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މޮޅު އުފެއްދުންތައް އުފައްދާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ލެކްޗަރަރ ހުސައިން ޖަޒްލާން ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބައިވެރިންނަށް ވަޒީފާގެ މާޙައުލުގައި މޮޅެތި އުފެއްދުންތައް އުފައްދާނެ ގިނަ ގޮތްތަކަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން އިއްޔެއާއި މިއަދާއި ކުރިއަށްގެންދިޔަ ޓްރެއިންގެ ފޯކަސް އަކީ އަހަރުމެން އެންމެން މިހާރު ޕާސަނަލް ލައިފްގަވެސް މަސައްކަތުގެ މައިދާނުގަވެސް އޭއައި އެބަ ބޭނުންކުރަން، އެހެންވީމަ އޭއައި ބޭނުންކުރާއިރު ބޭނުންމިކުރެވެނީ ރަނގަޅުގޮތުގަތޯ، ކޮބާތޯ އޭގަ ހުރި ނުރައްކާތަކަކީ އަދި ކިހިނެއްތޯ އަހަރުމެން އޭއައި އިން އަޕްގްރޭޑްވެ ލެވެލް އަޕް ވެގެންދާނީ. މިއީ އަޅުގަނޑުމެން މިއާންޒް ކޮލެޖްގެ ލެވެލް އަޕް ބްރޭންޑެގެ ދަށުން ދޭ ކޯޕަރޭޓް ޓްރެއިނިންގެ މައިގަނޑު ފޯކަސްއަކީވެސް". ހުސައިން ޖަޒްލާން ވިދާޅުވިއެވެ.

"އޭއައި އިން ދަ މޮޑާން ވޯކްޕްލޭސް"އަކީ ބީމް ޓްރެއިނިންގ އިނީޝިއޭޓިވްގެ ދަށުން މިއަންސް ކޮލެޖާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މިއަހަރުތެރޭ މިފަދަ އިތުރު ޕްރޮގްރާމުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއައިއިން ވިދާޅުވެއެވެ.

އެމްއެމްއައި އިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ދާއިރާއިން އިތުރު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.