ޚަބަރު

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


  • 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައި

  • އިނާމަށް ހުށަހެޅުމުގެ ސުންގަޑިއަކީ 29 ސެޕްޓެމްބަރު

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ. މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

- ވިޔަފާރިއާއި އިގްތިސާދު

- އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން

- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން

- ވޮކޭޝަނަލް ޓްރެއިނިންގ - ދަސްކޮށްދިނުން

- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން

- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން

- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން

- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން

- ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާ

- ފަތުރުވެރިކަމުގެ ދާއިރާ

- ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ

- ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުންބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމު

- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން 29 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އެ ވުޒާރާގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ބަލައިގަންނަން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ.

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން އެވުޒާރާގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެކަމަށްވެސް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.