ޚަބަރު

މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ


  • މިފްކޯއަށް 160 ދޯންޏަކުން ވަނީ މަސްކިރުވާފަ

  • މަސްވެރިންނަށް ދޫކޮށްފައިވަނީ މުޅި ޖުމްލަ 6،374،926 ރުފިޔާ

މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ ހަފުތާގައި މިފްކޯއަށް 160 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 160 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 26.6 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 218 ދޯންޏަކުންނެވެ.

މިފްކޯއަށް މަސްކިރުވާފައިވާ ދޯނީގެ އަދަދު ދަށްވެފައިވާއިރު، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ މުޅި ޖުމްލަ 6،374،926 ރުފިޔާއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 9،390،235 ރުފިޔާއާއި އަޅާބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަަކަށް މުޅި ޖުމްލަ 1،476،368 ރުފިޔާ ދޫކޮށްފައިވެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.