ޚަބަރު

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ


  • މިއަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ.

މީގެއިތުރުން މިއަހަރު ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި 153 ފިރިހެން ދަރިވަރުންނާއި އަންހެން 243 ދަރިވަރުން ހިމެނޭކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.065 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވާ އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ސްކޮލަޝިޕްސްގެ އިތުރުން އެވުޒާރާއިން ވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ޚަރަދުކޮށްފައިވާ ތަފާސްހިސާބުތައްވެސް އާންމު ކުރައްވާފައެވެ.

އެގޮތުން 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 4469 ދަރިވަރަކަށް 267 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 1687 ދަރިވަރަކަށް 116 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފުރަތަމަ ޑިގްރީއަށް 2806 އަންހެން ދަރިވަރުން ކިޔެވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 1663 ފިރިހެން ދަރިވަރުންވެސް ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިހާތަނަށް 5579 ދަރިވަރުން ދަސްވެނިވެފައިވާއިރު މިއަހަރުގެ މިހާތަނަށް އެކަނިވެސް 2237 ދަރިވަރަކުވެސް ވަނީ ދަސްވެނިވެފައެވެ. މީގެ އިތުރުން މިހާރުވެސް 8330 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އަންނަކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.