ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ފިހުނު ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 8ވަނަ ދުވަހުއެވެ. މި ހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ ބ. ތުޅާދޫ، ބީޗްހައުސް 35 އަހަރުގެ އިބްރާހިމް ފަޔާޒެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފަޔާޒް އާއިލާގެ މެންމަރަކު ބުނީ ފަޔާޒް ފިހުނީ ފަޔާޒް މަސައްކަތް ކުރަމުން ދިޔަ ފެކްޓަރީގައި ދިމާވި ހާދިސާއަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ފަޔާޒް މަސައްކަތް ކުރާ ފެކްޓަރީގަ ހުސް ބަރެލްސް ހުންނަން ޖެހޭތާކު ތެޔޮ ބަރެލްއެއް ހުރީ ކަމަށާއި، އެ ތެޔޮ ބަރެލްގައި ރޯވެ ފަޔާޒް ވެސް ފިހުނީ ކަމަށެވެ.
ފަޔާޒް ގައިގެ 50 އިންސައްތަ 3 ޑިގްރީ ފިހިފަވާކަމަށް އާއިލާއިން ބުނިއެވެ. އަދި ހާދިސާ ހިނގުމާއެކު ފުރަތަމަވެސް ފަޔާޒް މިއުނިކްގެ ހޮސްޕިޓަލެއްގެ ވެންޓިލޭޓަރަށް ލީކަމަށާއި، ފުރަތަމަ ދިޔައީ ވަރަށް ހާލު ސީރިއަސްކޮށް ކަމަށެވެ. ނަމަވެސް ހާލު ރަނގަޅުވާން ފެށުމުން ވެންޓިލޭޓަރުން ނަގައި ގިނަ އޮޕަރޭޝަންތައް ކުރި ކަމަށް އާއިލާއިން ބުންޏެވެ.
ނަމަވެސް ހުކުރު ދުވަހު ފަޔާޒްގެ ހާލު އަނެއްކާވެސް ސީރިއަސްވެ ފަރުވާދެމުންދަނިކޮށް މިއަދުގެ މެންދުރެއްހާއިރު ނިޔާވީކަމަށެވެ.
އިބްރާހިމް ފަޔާޒް އަކީ ޕީއެސްއެމް ނިއުސްގެ ޖާނަލިސްޓް ޔަޒީދް ރަޝީދުގެ ބޮޑު ބޭބެއެވެ. އާއިލާއަށް ކުރިމަތިވެފައިވާ މިހިތާމަވެރި ދަނޑިވަޅުގައި ޕީއެސްއެމް ނިއުސްޓީމުގެ ފަރާތުން އާއިލާއަށް ތައުޒިޔާ ފޮނުވަމެވެ.