ޚަބަރު

ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


‎ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

‎މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާން ގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވައި، މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް ވަނީ އެދިފައެވެ.

‎ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ޤައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ޤައުމެއްކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާއިންވަނީ ދެއްވާފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައި އެ ޤައުމުގެ 19 ސިފައިން ވަނީ މަރުވެއްޖެއެވެ.