ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވެވި ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. ނާސިހު މީގެ ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަގާމުގައެވެ. ނަމަވެސް މަގާމުގެ މުއްދަތު ހަމަވުމުން ރައީސް ވަނީ ކޮމިޝަނަށް އޭނާ އަލުން އައްޔަން ކުރައްވާފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ ދެ ބޭފުޅުންވެސް މަގާމުތަކަށް ޝަރުތުހަމަވާ ކަމަށް ފެންނަ ކަމަށެވެ. އެހެންވެ މަޖިލީހުންވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރެއްވުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރެއްވުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މުޙައްމަދު ޝަފީގް މަހުމޫދަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ މަގާމަށް ޝަފީގް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހު އެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސުންނާއި ނައިބުން އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.