ޚަބަރު

ލުއި ލޯނާއި ގުޅޭގޮތުން ކޮންޓެންޓު ކްރިއޭޓަރުންގެ ހިޔާލު ހޯދަނީ


  • ވަޒީރު ވަނީ ކޮންޓެންޓު ކްރިއޭޓަރުންނާ ބައްދަލުކުރައްވާފައި

  • ބޭނުމަކީ ހިޔާލުތަކާއި ވީހާވެސް އެއްގޮތަށް މިޕްރޮގުރާމް ކުރިއަށްގެންދިޔުން

ލުއި ލޯނާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުހޯދުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކޮންޓެންޓް ކްރިއޭޓަރުންނާއި ބައްދަލުކުރައްވާފައިވާއިރު،

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން ލިބޭ ހިޔާލުތަކާއި ވީހާވެސް އެއްގޮތްވާގޮތުގެމަތީން މިޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށެވެ. އެގޮތުން ވަޒީރު ވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންގެ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

އަދި މި ބައްދަލުވުންތަކަކީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތު ހޯދައި ދިނުމުގެ މަޤްސަދުގައި ކުރެވޭ މުޙިއްމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ތަޢާރަފް ކުރާ ލޯން ސްކީމަށް ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެކެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ މެނިފެސްޓޯގެ މުހިންމު ވައުދުފުޅަކަށްވާއިރު، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސުލުމްހޫރިއްޔާ ވަނީ މި އަމާޒު ހާސިލްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.