ޚަބަރު

"އަބުރު ރައްކާތެރިކުރުން – ދީނީ އަދި އިންސާނީ ޙައްޤެއް"


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި ޤާނޫނު ރައީސުލްޖުމްހޫރިޔާ ތަޞްދީޤް ކުރައްވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.

އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގައި ހިމެނޭ ކަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް އެނގުން މުހިންމު މަޢުލޫމާތުތަކެކެވެ. ސަބަބަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރުމުގައި ހުރި ޚުދޫދުތަކަކީ ކޮބައިކަމާއި، ދައްކާ ވާހަކައަކުން، ކުރާ ކަމަކުން ނުވަތަ އިޝާރާތަކުން އަނެކާގެ އަބުރަށް އަރައިގަނެވޭ ހިސާބަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެ ރައްޔިތަކަށްވެސް މުހިންމު ކަމަކަށް ވާތިއެވެ. މިޤާނޫނުގައި މިފަދަ ކަންކަން ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ.

އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުވައި، އެ ޤާނޫނުގައިވާ ކަންކަމުގެ ތަފްޞީލީ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއިން ވަނީ "އަބުރު ރައްކާތެރިކުރުން – ދީނީ އަދި އިންސާނީ ޙައްޤެއް" މިނަމުގައި ޚާއްޞަ ކެންޕެއިނެއް ފަށާފައެވެ. މި ކެންޕެއިންގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މި ޤާނޫނުގައިވާ ކަންކަން ރައްޔިތުންނައް އޮޅުންފިލުވައިދިނުމުގެ އެކި ޕްރޮގްރާމްތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ މައި ޗެނަލްތައް ކަމަށްވާ ޓީވީއެމްއާއި، ދިވެހިރާއްޖޭގެ އަޑުގެ އިތުރުން މަޖިލިސް ޓީވީ، ޔެސްޓީވީ، ދިވެހި އެފްއެމް، ދީނުގެ އަޑު، ހަފްތާ މަޖައްލާ މާލްދީބްގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިޤާނޫނާގުޅޭ ތަފްޞީލް މަޢުލޫމާތު ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިޤާނޫނުގައި ބަޔާންކުރާ ކަންކަން ކަމާބެހޭ މާހިރުން މެދުވެރިކޮށް އޮޅުންފިލުވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.

މިކެންޕެއިންގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއިން ކުރިއަށް ގެންދިޔަ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބުރު ރައްކާތެރިކުރުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުގައި އޮތް އިރު ބިލް ދިރާސާކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދު ﷲ ޚަލީލް ވިދާޅުވީ މި ކެންޕެއިނަކީ ޕަބްލިކް ސަރވިސް މީޑިއާއިން ފެށި މުހިންމު ޤައުމީ މަސައްކަތެއްކަމަށެވެ.

"ތަރައްޤީވެފައިވާ ޤައުމަކާ ދިމާއަށް ދިއުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާއިރު މިފަދަ ޤާނޫނަކީ ވުޖޫދުގައި އޮންނަންޖެހޭ އެއްޗެއް. އެހެންކަމުން މިހާރު މިޤާނޫނު ވުޖޫދުގައި އޮތުމާއެކު މިޤާނޫނުގެ މުހިންމުކަމާ އަދި އޭގެ އިތުރުން މިޤާނޫނުގައިވާ މުހިންމު މަޙްފޫމްތައް ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމަކީ މީޑިއާތައް، ޚާއްޞަ ގޮތެއްގައި ދައުލަތުގެ މީޑިއާއިން ކުރައްވަން ޖެހިވަޑައިގަންނަވާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެން." ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކުރުމުގެ ޤާނޫނެއް ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރިކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން މުޖުތަމަޢުގެ ވީދިފައިވާ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް މި މިޤާނޫނުގެ މުހިންމުކަން ޑރ.ޚަލީލް ފާހަގަކުރެއްވިއެވެ.

"ރާއްޖޭހެ އިޖްތިމާޢީ ފޭރާން ހަލާކުވެގެންދާ ދިއުން މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ޤާނޫނުތަކަކީ އަންނަންޖެހޭ އެއްޗެއް. ކޮންމެ މިނިވަންކަމަކީ ޒިންމާތަކަކާ އެއްކޮށް ޙަވާލުކުރެވޭ ކަމަކަށްވާތީ ޤާނޫނުތައް މުހިންމުވެގެންދަނީ. އެހެންވީމަ ރާއްޖެ މިހާރު މިއޮތް ޙާލަތައް ބަލާފައި އަދި އޭގެ އިތުރުން ރާއްޖެ މިހާރު ތަރައްޤީގެ ދުވެލީގައި މިދާ ސްޕީޑަށް ބަލާއިރު، ތަރައްޤީގެ މަގުގައި ކުރިއަރާފައިވާ ޤައުމުތަކާ ފައިތިލަ ހަމަކުރަން އަޅުގަނޑުމެން ބޭނުންވާ ކަމުގައިވާނަމަ އަޅުގަނޑުމެންގެ ވިސްނުންވެސް އެއާ އެއް މީޒާނަކަށް ބަދަލުކުރަންއެބަޖެހޭ. އެހެންވެގެން މިފަދަ ޤާނޫނުތައް އަޅުގަނޑުމެންނަށް މުހިންމުވެގެން މިއުޅެނީ." ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

އަބުރުރައްކާތެރިކޮށްދިނުމުގެ ޤާނޫނުގައި ހިމެނޭ ކަންކަން ޢާންމުންނަށް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރަމުންދާކަމަށް ސަރުކާރުން ވާނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޕަބްލިކް ސަރވިސް މީޑިއާއިން ފެށި "އަބުރުރައްކާތެރިކުރުން – ދީނީ އަދި އިންސާނީ ޙައްޤެއް" މިކެންޕެއިން މެދުވެރިކޮށް މިޤާނޫނާ ގުޅޭ ތަފްޞީލީ އަދި ތެދު މަޢުލޫމާތު ޢާންމުންނަށް ލިބިގަތުމުގެ މަގު ފަހިވެގެންދާނެއެވެ.