ސަރުކާރުން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެޗްޑީސީން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު "ފެހި މަންޒަރު" އިފްތިތާހުކޮށްފިއެވެ.
"ފެހި މަންޒަރު" އިފްތިތާހުކުރެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މައި އޮފީސް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފްއާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު، ޗީފް އޮޕަރޭޝަންސް އޮފިސަރ އަހުމަދު އިބްރާހިމްއާއި، ފަސް މިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔައަަރުގެ ތިމާވެށީގެ ދުވަހުއެވެ. އެ ޕްރޮގްރާމްގެ ދަށުން އެކި ކުންފުނި ތަކާއި މުއަށްސަސާތަކުން ދަނީ މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އަދި އެޗްޑީސީން ވަނީ މި ޕްރޮގްރާމްގެ ދަށުން 1 މިލިއަން ގަސް އިންދަން ވައުދުވެފައެވެ.
"ފެހި މަންޒަރު"ގެ މައިގަނޑު މަގްސަދަކީ އެޗްޑީސީން ވެފައިވާ އެއްމިލިއަން ގަސް އިންދުމުގެ ވައުދަށް ވާސިލުވުމަށް އެޗްޑީސީން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުމެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް އިންދާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ މި އިފްތިތާހުކުރި ފެހި މަންޒަރަކީ، އެޗްޑީސީ އިން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެއް ކަމަށެވެ. މި ފެހި މަންޒަރުން ހާމަވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ ބުރަ މަސައްކަތެވެ. އަދި މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަ ކުރުމަށް އެޗްޑީސީއިން ކުރަމުންދާ ހިތްވަރެވެ.
އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ހަސަން ޝަހީދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ވީއެންމެ އަވަހަކަށް 1 މިލިއަން ގަސް އިންދުންކަމަށެވެ.
ޝަހީދު ވިދާޅުވީ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ތަރައްގީ ކުރެވޭ ނާސަރީއެއްވެސް އެކުންފުނިން އޮޕަރޭޓްކުރަމުންދާކަމަށެވެ. އަދި އޭގެ އިތުރުން ހުޅުމާލޭގައި އިންދާ ގަސްތަކާ ހުޅުމާލޭގެ ސްކޫލްތަކާއި ގުޅިގެން އިންދާ ގަސްތަކުގެ އިތުރުން އެކި އެންޖީއޯއާއި ގުޅިގެން އެކި ކަހަލަ ގަސް އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާކަމަށް ޝަހީދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާގަ ލ. ގަމުގަ ހުރި އެޗްޑީސީގެ ބިމެއްގައި ނާސަރީއެެއް ތަރައްގީކޮށް މިނިސްޓްރީއާއެކީގައި ފަސްމިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ގިނަ ގަސްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި" މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ހަސަން ޝަހީދު ވިދާޅުވިއެވެ.
ގަސް އިންދުމުގެ ވައުދުގެ ދަށުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގަސްއިންދުމަކީ އެޗްޑީސީގެ އަމާޒެކެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކޮށް ދިވެހިރާއްޖެއަކީ ފެހި ހިތްފަސޭހަ ގައުމަކަށް ހެދުމަށް ކުރެވެންހުރި ހުރާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިއަދާހަމައަށް މުޅި ޖުމްލަ 658،294 ގަސް ވަނީ އިންދާފައެވެ.