ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ޤާއިމުކޮށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް އެންމެފަހުން އައިޑީ ކާޑުގެ ޚިދުމަތް ފެއްޓެވީ ވ. އަތޮޅުގައެވެ.
އަތޮޅުގެ ވެރިކަންކުރާ ރަށްކަމުގައިވާ ވ. ފެލިދޫގައި އައިޑީ ކާޑުގެ ޚިދުމަތް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ޚިދުމަތް ފަށާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހިންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފެށީ 1984 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. 2003 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ މަސައްކަތް ކޮމްޕިޔުޓަރުންކުރަން ފެށުމާއެކު ޕްލާސްޓިކް ކާޑަށް ބަދަލުވެ، 174 ކަލެކްޓިން ސެންޓަރު ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުނެވެ.
އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން މިގޮތަށް ދެމުން އައިސް، ފުރަތަމަ ފަހަރަށް އޮންލައިކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ. ކޮވިޑު-19ގެ ޢާލަމީ ވަބާއާ ގުޅިގެން ބޭރަށް ނުކުތުން ބަންދުވެ، އައިޑީ ކާޑުގެ ޚިދުމަތް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުއަށް ވެސް މަޖުބޫރުވިއެވެ. އެއާއެކު ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ގެންގުޅެމުން އައި ގުޅުން ކެނޑި، އައިޑީކާޑަށް އެދި ހަމައެކަނި އޮންލައިންކޮށް ހުށައެޅޭ ގޮތަށް ބަދަލުވިއެވެ.
މިގޮތަށް ހެދުމުން އަމިއްލަ ރަށުގައި ތިބެގެން ނުވަތަ ވީހާވެސް ގާތުން އައިޑީ ކާޑު ލިބުމަށް ދަތިވިއެވެ. އައިޑީ ކާޑު ހޯދުމަށް ކޮންމެ ފަހަރަކު މާލެ އަންނަންޖެހުނެވެ. މި ޚިދުމަތް ލިބިގަތުމުގައި އޮތް ލުއި ފަސޭހަކަން މުޅިންހެން ގެއްލުނެވެ. ކޮވިޑު-19ގެ ޢާލަމީ ވަބާއިން އަރައިގަނެ، މިދިޔަ ސަރުކާރުގެ ވެރިކަން ނިމިގެންދިޔައިރުވެސް، އައިޑީ ކާޑުގެ ޚިދުމަތް ކުރިން އޮތް ގޮތަށް އިޢާދަވެގެން ގޮސްފައިނުވެއެވެ. މީގެ ސަބަބުން އައިޑީ ކާޑު ހައްދައިދިނުމުގައިވެސް ލަސްތަކެއް ވެގެންދިޔައެވެ. މީގެ ނަތީޖާއަކީ އައިޑީ ކާޑު ހައްދާއިދީފައިނުވާ ބޮޑު ބެކްލޮގެއް އިތުރުވެގެންދިޔުމެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އައިޑީ ކާޑު ހެއްދުމަށް އެދި ހުށައެޅި 3،348 މީހުންނަށް ކާޑު ހައްދައިދީފައި ނުވެއެވެ. އެހެންކަމުން ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ސަރުކާރުން ކުރެއްވި އެއް ކަމަކީ އައިޑީ ކާޑު ހައްދާއިދީފައިނުވާ މީހުންނަށް އެކަން ކޮށްދިނުމެވެ. އަދި އޮންލައިންކޮށް އެދުމުގެ ނިޒާމު އުވާލާ، ސީދާ ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތަށް "ނާރެސް"ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ސަރުކާރުން ތަޢާރަފުކުރިއެވެ.
މި ޕޯޓަލްއާއެކު އައިޑީ ކާޑު ހެއްދުމުގައި އިތުރު ލުއި ފަސޭހަ ގޮތްތަކެއް ފަހިވެގެންދިޔައެވެ. ނަމަވެސް މި ޚިދުމަތް ހޯދުމުގައި އިތުރަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މުހިންމު މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވިއެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ވަޢުދުވީ ގޮތަށް، ކޮންމެ އަތޮޅެއްގައި، އެ އަތޮޅެއްގެ ރައްޔިތުންނަށް، އަތޮޅުގައި ތިބެގެން، ވެރިކަންކުރާ ރަށުގައި، ނޫނީވިއްޔާ ކަނޑައެޅޭ އެހެން ރަށެއްގައި، އައި.ޑީ. ކާޑު އިޝޫކޮށް، ޕާސްޕޯޓް އިޝޫކުރެވޭ ގޮތަށް ފެސިލިޓީޒް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. ވަރަށް އަވަހަށް ރަސްމީކޮށް ފަށާނަން. އަޅުގަނޑު ވަޢުދުވީގޮތަށް، މި އަންނަ އަހަރު ނިމެންވާއިރަށް، ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި، ޕާސްޕޯޓް ލިބިގެންދާނެ. ހުރިހާ އަތޮޅަކުން. އަދި މާލޭގައި، މާލޭސިޓީގައި، ވިލިމާލެއާއި ހުޅުމާލެ، ހުޅުމާލެ ފޭސް 1، ފޭސް 2ގައިވެސް، މާލެ ނައިސް ލިބޭ ގޮތް ހަދައިދޭނަން ވަރަށް އަވަހަށް." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވަޢުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް، ކާޑު ހައްދައިދިނުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސަރުކާރުން ފެއްޓެވިއެވެ. މިގޮތުން އައިޑީ ކާޑުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ތެރެއިން އައިޑީކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށާނެ ރަށްރަށުގެ މަގުޗާޓެއް އެކުލަވާލައި، ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ފެށިގެންދިޔައެވެ.
މި މަސައްކަތުގެ ތެރެއިން ހުރިހާ އަތޮޅެއްގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމާއި ކާޑު ދޫކުރުމުގެ ވަޞީލަތްތައް ޤާއިމުކޮށް މިހާރު ވަނީ ނިންމާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެލިދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިދޫއަށް ވަޑައިގެން އެ ރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވިއެވެ. އެއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ ޚިދުމަތް ޤާއިމުކޮށްދެއްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅު
މިވަނީ ފުއްދަވާފައެވެ.
"މިރަށުގައި އައިޑީ ކާޑޫގެ ޚިދުމަތް ފެށިގެން ދިޔައީމަ އެ ފުރިހަމަކުރެވުނީ ކޮންމެ އަތޮޅެއްގައިވެސް އައިޑީ ކާޑު ޚިދުމަތް ދިނުމުގެ މަސައްކަތް" ރައީސް ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ކޮންމެއަކަސް ދިރިއުޅޭ ރަށާ ވީހާވެސް ގާތުން އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ލިބުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބޭނެ ބޮޑު ލުޔެކެވެ. މިފަދަ ކަންކަމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި އުފުލަމުންދާ ތަކުލީފުތަކަށް ނިމުން ގެނައުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ދެއްވާ ޚާއްސަ އަހަންމިއްޔަތު ހާމަވެގެންދެއެވެ.