ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ފެލިދެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގަތް އެ ރަށު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމުގެ މަޝްރޫޢެއް ފެށުމުގެ މުހިންމުކަމާއި ޞިއްޙީ މަރުކަޒަށް މުވައްޒަފުން ލިބުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އިޤުތިޞާދީ ކުރިއެރުމަށް ކައިރީގައިވާ ފަޅު ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސުކޫލުގެ، ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއްހޯއްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުންވަނީ އެ ރަށަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށަކަށްވުމުން، ޑޮލަރު އޭޓީއެމެއް ރަށުގައި ހުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.