ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ބިލެތްދޫ ސްކޫލްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ، ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރު ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ބިންހިއްކުމުގެ މަޝްރޫޢު އަވަސް ކޮށްދެއްވުމަށާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.