ޚަބަރު

ފުވައްމުލަކު ފަރަށް އެރި ބޯޓް ފުންކުރުމަށް ޓަގް ބޯޓެއް ގެންނަނީ


މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ފަރަށް އެރި ބޯޓްގެ ސަބަބުން އެ ސަރަހައްދުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބައްލަވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، އެ ބޯޓް ފަރަށް އަރަށް ދިމާވި ސަބަބު މިހާރު ބައްލަވަމުން ގެންދަވާކަމަށާއި ބޯޓް ފުންވުމުން އެސަރަހައްދުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބައްލަވާ އަޅުންވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި ބޯޓް ފުންކުރުމަށްޓަކައި، ޓަގް ބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް، އެ ބޯޓުގެ ވެރިފަރާތުން ކުރަމުންދާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

"ބޯޓުގެ ފަރާތުންވެސް އަޅުގަނޑުމެންނަށް އަންގާފަ އެބައޮތް, ފަރަށް އެރި ވާހަކައާއި މިކަމާބެހޭގޮތުން އެއްޗެއް ލިޔުއްވާފަ ފޮނުވާފަ އެބައޮތް. އަޅުގަނޑުމެން މިކަން ކުރާ އުސޫލަކީ ބޯޓް ފުން ވީމަ، ބޯޓް ފަރަށްއެރި ސަރަހައްދަށް ގޮސް ސަރވޭ ކުރަނީ. އެ ސަރަހައްދަށް ލިބިފައިވާ ގެއްލުމާއި އެ ސަރަހައްދުގެ ފަރުގެ ދިރުންތަކަށް ބަލާފަ އަޅަންޖެހެ ފިޔަވަޅުތައް އަޅާނަން. އެއީ ޖޫރިމަނާއެއް ކުރަންޖެހިއްޖެނަމަ އެކަންތައްތައްވެސް ކުރިއަށްދާނީ ބޯޓް ފުންކުރުމަށްފަހު. އެ ސަރަހައްދަށް ލިިބިފައިވާ ގެއްލުމާއި އެކަމާބެހޭގޮތުން ބަލަންޖެހޭ ބެލުންތައް ބަލަމުން މިދަނީ" ނަޢީމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14711525064855.jpg|ބޯޓު ފަރަށް އަރާފައި އޮތް ސަރަޙައްދު / ފޮޓޯ: އެމްއެންޑީއެފް

ވިއެޓްނާމްގެ މުދާ އުފުލާ މި ބޯޓް ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރުއެވެ. މި ބޯޓަކީ ވިއެޓްނާމްގެ "އެމްވީ އެންޖީއޯސީ ސަން" (MV NGOC SON) ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14711524399985.jpg|ފުވައްމުލަކު ފަރަށް އަރާފައި އޮތް ބޯޓު / ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖެއަށް މުދާ ބަރުކޮށްގެން މިމަހު 8 ވަނަ ދުވަހު މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރަމުންދިޔަ މި ބޯޓަކީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.

މި ބޯޓު ފަރަށް އެރިއިރު 20 ފަޅުވެރިން ބޯޓުގައި ތިބިކަމަށާއި މި ހާދިސާގައި ބޯޓުގެ އެއްވެސް މީހަކަށް ހާނީއްކައެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބޯޓް ފުން ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރައްވަމުންނެވެ.