އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަކޮށްގެން "ބެލެންސް ސްޓޫޑިއޯ"ގެ ނަމުގައި ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް މާލޭގައި ހުޅުވައިފިއެވެ.
ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ "ބެލެންސް ސްޓޫޑިއޯ" ހުޅުވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
"ބެލެންސް ސްޓޫޑިއޯ"އަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަކުރެވިފައިވާ ވެލްނެސް ސްޕޭސްއެކެވެ. ޗާންދަނީމަގު އެމްއެފް ބިލްޑިންގައި ހުޅުވި މި ސްޓޫޑިއޯއިން އަންހެނުންނަށް ރައްކާތެރި މާހައުލެއް ވަނީ ގާއިމްކޮށްފައެވެ.
ބެލެންސް ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ޚާއްޞަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތައް ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް ވަނީ އަމާޒުކޮށްފައެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.
ބެލެންސް ސްޓޫޑިއޯއިން ބުނީ ކްލާސްތައް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ބެލުމުގެދަށުން ކަމަށެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ގޭތެރޭގެ ޒިންމާތަކާއި، ދަރިން ބެލެހެއްޓުމުގެ ކަންކަމުގައި އުޅެމުންދާ އަންހެނުންނަށް ބެލެންސް ސްޓޫޑިއޯއިން ޚާއްސަ ހަރަކާތްތަކެއް ހިންގާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
"ބެލެންސް ސްޓޫޑިއޯ"ގެ ކްލާސްތަކަށް ރަޖިސްޓަރވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.