ޚަބަރު

ލީގުގެ ތާވަލު އޮތް ގޮތުން ސިޓީއަށް ގެއްލުންވޭ: ސިލްވާ


އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލު އޮތް ގޮތުން މެންޗެސްޓާ ސިޓީއަށް ގެއްލުންވާ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާ ބުނެފިއެވެ.

ސިލްވާ ބުނެފައިވަނީ ޕްރިމިއާ ލީގުގައި އެ ޓީމުން ކުޅެން ޖެހޭ އެންމެ ވަރުގަދަ އެއް މެޗު ކަމުގައިވާ އާސެނަލް އާއި ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗަށް އެ ޓީމުން ނިކުތީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނަޕޮލީ އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނުތާ 66 ގަޑިއިރު ފަހުން ކަމަށާއި މިއީ މިފަދަ މެޗަކަށް ނިކުންނައިރު ކުޅުންތެރިން އަރާމު ކުރަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

"ސިޓީ އިން އާސެނަލް އާއި ދެކޮޅަށް ނިކުތީ ނަޕޮލީ އާއި ދެކޮޅަށް ބުރާސްފަތި ދުވަހު ކުޅުނު މެޗު ނިމުނުތާ 66 ގަޑިއިރު ފަހުން. ނަމަވެސް އާސެނަލް އިން މި މެޗަށް ނިކުތީ އަންގާރަ ދުވަހު ބިލްބާއޯ އާއި ދެކޮޅަށް ކުޅުމަށްފަހު." ސިލްވާ ބުންޏެވެ.

"މިއީ އެއް ގޮތަކަށްވެސް ހަމަހަމަކަމާއިއެކު މިކަން ވާން ޖެހޭނެ ގޮތެއް ނޫން. ހަގީގަތަކީ ވަރުގަދަ މެޗެއް ކުޅުމަށްފަހު ކުޅުންތެރިން ރިކަވާ ވެގެން އެހެން މެޗަކަށް ނިކުންނަން ވަގުތު ބޭނުންވާނެ. މި ފެންވަރުގެ ފުޓްބޯޅަ ނުކުޅޭ ބަޔަކަށް މިވާހަކަ ގަބޫލުކުރަން ދަތިވެދާނެ." ސިލްވާ އިތުރަށް ބުންޏެވެ.

އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވެސް ބުނެފައިވަނީ މި މެޗުގައި ކުޅުންތެރިން ވަރުބަލި ވެފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހުވެސް ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިނގިރޭސި ޓީމުތަކަށް ގެއްލުންވާ ގޮތަށް މެޗުތަކުގެ ޝެޑިއުލް ހަމަޖައްސާފައިޥާ ކަމަށްވެސް ބުނެފަ އެވެ.

ސިލްވާ އިތުރަށް ބުނެފައިވަނީ އޭނާ އެއްގޮތަކަށްވެސް ސިޓީ ބަލިކުރަން ބޭނުންވެގެން ރާވާފައިވާ ގޮތެއް ކަމަށް ނުބުނާ ކަމަށާއި މިކަން ކޮންމެ ކްލަބަކަށްވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.