ޚަބަރު

ކްލެސިކްގެ ގަދަ 16އަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ


މިހާރު ކުރިޔަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކްލެސިކް 2025 ގެ ގަދަ 16 އަށް ދަތުރުކުރި ޓީމުތައް ފައިނަލްވެއްޖެއެވެ.

ކްލެސިކްގައި ރޭ ގްރޫޕްސްޓޭޖްގެ ފަހު މެޗުތައް ކުޅެފައިވާއިރު ގަދަ 16 އަށް ދަތުރުކުރީ ކޮންމެ ގުރޫޕަކުންވެސް އެންމެ މަތިން ޕޮއިންޓް ހޯދި ދެޓީމެވެ.

ގްރޫޕް އޭއިން ގަދަ 16ގެ ޖާގަ ކަށަވަރުކުރީ 9 ޕޮއިންޓް ހޯދި ޓްރާންސްޕޯޓާއި 6 ޕޮއިންޓް ހޯދި ކްލަބް 220 އެވެ. ގްރޫޕް ބީ އިން 7 ޕޮއިންޓް ހޯދި ކްލަބް ޑީޖޭއޭ އާއި 6 ޕޮއިންޓް ހޯދި ފިނޭންސް ރެކްރިއޭޝަން ކްލަބުން ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ގްރޫފް ސީ އިން 9 ޕޮއިންޓް ހޯދި ޓީމް ބަދަހި އަދި 6 ޕޮއިންޓް ހޯދި ފިޝަރީޒް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގްރޫޕް ޑީ އިން 7 ޕޮއިންޓް ހޯދި ހުޅުމާލޭ ހޮސްޕިޓަލާއި، 7 ޕޮއިންޓް ހޯދި ކްލަބް ބީސީސީ ވަނީ ގަދަ 16 ން ފުރުސަތު ހޯދާފައެވެ.

ގްރޫފް އީ އީން 9 ޕޮއިންޓް ހޯދި ކްލަބު ބިނާރާ އާއި 6 ޕޮއިންޓް ހޯދި އެޗްޕީއެސްއެން އިން ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގްރޫޕް އެފްގައި 6 ޕޮއިންޓް ހޯދި ކުޅިވަރު ވުޒާރާ ޓީމާއި ޓީމް ހާރިޖީވެސް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ގުރޫޕް ޖީގައި 9 ޕޮއިންޓް ހޯދި ކްރިމިނަލް ކޯޓާއި، 4 ޕޮއިންޓް ހޯދި ތައުލީމީ ގުޅުން ވަނީ ގަދަ 16ގެ ޖާގަ ހޯދާފައެވެ. ގްރޫޕް އެޗްގައި 9 ޕޮއިންޓް ހޯދި އެމްއެމްއޭ އެސްސީ އާއި 6 ޕޮއިންޓް ހޯދި ޓީމް އެމްސީސީ ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ކްލެސިކްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެމްއެމްއޭ އެސްސީ އާއި ވިޔަރެސް ބައްދަލުކުރި މެޗު 9-0 ކާމިޔާބުކުރީ އެމްއެމްއޭ އެސްސީއެވެ. ޓީމް އެމްސީސީ އާއި ޕެމާ ބައްދަލުކުރި މެޗު 4-2 ން ކާމިޔާބުކުރީ ޓީމް އެމްސީސީ އެވެ.

ތައުލީމީ ގުޅުން އަދި ޕީއެސްއެމް ބައްދަލުކުރި މެޗު 8-4 ން ކާމިޔާބުކުރީ ތައުލީމީ ގުޅުން ޓީމުންނެވެ. ކްރިމިނަލް ކޯޓާއި މީރާ ބައްދަލުކުރި ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ 2-1 ކްރިމިނަލް ކޯޓުންނެވެ.

ކުޅިވަރު ވުޒާރާ ކްލަބާއި ކްލަބް އެމްސީއެލްޕީ ބައްދަލުކުރި މެޗު 6-4 ން ކާމިޔާބުކުރީ ކުޅިވަރު ވުޒާރާއިންނެވެ. ޓީމް ދަރުމަވަންތަ އާއި ޓީމް ހާރިޖީ ބައްދަލުކުރި މެޗު 2-1 ން ކާމިޔާބުކުރީ ޓީމް ހާރިޖީއެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތް، ކްލެސިކްގެ ކުޅުން ކުރިޔަށްދަނީ ހުޅުމާލޭ ރެހެންދި ޓާފްގައެވެ. މި މުބާރާތުގެ ގިނަ މެޗުތައް ޕީއެސްއެމްގެ ޔޭސް ޓީވީ އާއި ޕީއެސްއެމް އެއާ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.